ތައުލީމުގެ ގާނޫނަކީ ތައުލީމީ ކަންތައްތަކުގެ މިސްރާބު ކަނޑައަޅާ ޗާޓަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ތައުލީމުގެ ގާނޫނާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އައިޝަތު އަލީ ވިދާޅުވީ ތައުލީމާގެ ގާނޫނެއް ވުޖޫދުވުމަކީ ތައުލީމީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނެއް ވުޖޫދުވުމުން ތައުލީމީ ނިޒާމުގެ ކަންތައްތައް ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނުނީ އެވެ. އަދި، ސަރުކާރުން ޒިންމާއަދާކުރާ މިންވަރު ބަލައި ޒިންމާއަދާކުރާކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް ފުރުސަތުވެސް ލިބިގެންދާނެ އެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ރަނގަޅު ގާނޫނެއް އެކަށައެޅިފައި އޮތުމަކީ، ކޮންމެ ސަރުކާރެއް އަޔަސް ތައުލީމީ ނިޒާމު ރަނގަޅުވާނެކަން ކަށަވަރުވެގެންދާނެ ކަމެއްކަމަށެވެ.
ތައުލީމުގެ ގާނޫނަކީ އުނގެނުމުގެ ހައްގު ކޮންމެ ކުއަޖަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމްކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމްކޮށް، ދަރިވަރުންނަށާއި މުދަރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައަޅައި، އުނގަންނައިދިނުމާއި ގުޅޭ އެނޫންވެސް ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވަ ގާނޫނެކެވެ.
މި ގާނޫނުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ތައުލީމު އުނގެނުމުގެ ހައްގު ލިބިގެންދާނެއެވެ. އަދި ދަރިވަރުން މަޖުބޫރު އުޒުރެއްނެތި ސްކޫލަށް ހާޒިރުނުވާނަމަ ފިޔަވަޅުވެސް އެޅޭނެއެވެ. މީގެއިތުރުންވެސްް، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ލާ އިންސާނީ އަދަބު ދިނުން ވަނީ މަނާކޮށްފައެވެ.
ތައުލީމުގެ ގާނޫނުގެ ދަށުން ގެނެވުނު އެންމެ ބޮޑު ބަދަލަކީ ޓީޗަރުންނަކީ ލައިސެންސްޑް ބައެއް ކަމުގައި ހަމަޖެހިގެންދިއުމެވެ. މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ގާނޫނަށް އަމަލުކުރެވެންފެށި ޓީޗަރސް ރަޖިސްޓްރޭޝަން
ބޯޑު ހިނގައިގަންނަން ފެށުމުން، ތައުލީމު އުނގަންނައިދޭ ހުރިހާ ތަނެއްގައިވެސް ކިޔަވައިދޭނީ ލައިސެންސްޑް ޓީޗަރުންނެވެ. ލައިސެންސްޑް ނޫން ޓީޗަރުންނަށް ވަޒީފާ ދިނުމަކީވެސް މަނާކަމެކެވެ. އަދި މިހާރު ކިޔަވައިދެމުންދާ ޓީޗަރުންވެސް 2 އަހަރު ތެރޭގައި ރަޖިސްޓްރީވެ ނިންމަންވާނެއެވެ.
މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ދީނީ ތަރުބިއްޔަތާއި ދިވެހި ކިޔަވައިދޭން އަހަންމިއްޔަތުކަން ދެވޭނެކަމަށެވެ. އެގޮތުން، ސައްހަ އިސްލާމީ އަގީދާގެ މަތީގައި ކުދިން ބޮޑުކުރުމަށް ފުރުސަތު ތަނަވަސްވެގެންދާނެކަމަށާއި 21 ވަނަ ގަރުނަށް ކުދިން ތައްޔާރުކުރެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތައުލީމުގެ ބިލު ތަސްދީގުކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ 2020 އޮކްޓޫބަރު 26 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.