އަލީ އަޝްފާގު (ދަގަނޑޭ) އަކީ މި ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމާ މެދު އެއްވެސް މީހަކު ދެބަސް ނުވާނެއެވެ. އަދި މުޅި ދެކުނު އޭޝިއާ ސަރަހައްދު ވެސް ދެކުނު އެންމެ މޮޅު ކުޅުންތެރިޔަކީ ދަގަނޑޭ ކަމާމެދު ދެބަސްވާނެ އެއްވެސް ދިވެއްސަކު ވެސް ނުހުންނާނެއެވެ. އަދި މި ސަރަހައްދުގެ ގިނަ މީހުން ވެސް ދެކެނީ އެހެންނެވެ. ޔޫރަޕުގެ ޓީމުތަކުން ވެސް ދަގަނޑޭއަށް ފުރުސަތުތައް ލިބިގެންދިޔައިރު މެލޭޝިއާގެ ފުޓްބޯޅައިގައި ވެސް މި ދިވެހި ފަސްގަނޑަށް އުފަން ދަގަނޑޭ ރަސްކަން ކުރިއެވެ. އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ފޯވާޑެއްކަން ގައުމީ ޓީމަށާއި އޭއެފްސީ ކަޕްގައި ކުޅުނު މެޗުތަކުން ވަނީ ދައްކުވައިދީފައެވެ. 

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އޭއެފްސީއިން ކުރިޔަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލްގައި ދަގަނޑޭ އަންނަނީ ވާދަކުރަމުންނެވެ. މިފަހަރު ދަގަނޑޭ ނުކުންނަނީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާ ދެކޮޅަށެވެ. ދަގަނޑޭ މި ހިސާބަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުއެވެ. އެގޮތުން އޭނާ ވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ. 

މި ޗެލެންޖްގައި ވާދަކުރުމަށް ހޮވާފައިވަނީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް އާއެކު އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު ކީޕަރު ވެސް ކަޓުވާލައި އޭނާ ޖެހި ލަނޑެވެ. އިދިކޮޅުން ވާދަކުރާ ކުޅުންތެރިޔާގެ ލަނޑަކީ އެކްރޮބެޓިކްކޮށް އޭނާ ޖަހައިދިން ބައިސިކަލް ކިކެކެވެ. މީގެކުރިން ދަގަނޑޭގެ މި ލަނޑު ވަނީ އޭއެފްސީ ކަޕްގައި ޖެހި އެންމެ މޮޅު ސޯލޯ ލަނޑުގެ ގޮތުގައި ހޮވިފައެވެ. 

މިއަދު ދަގަނޑޭ ވާދަކުރަމުން އެދަނީ ދަނޑު މަތީގައި ނޫން ނަމަވެސް އޭނާއަށް ލިބޭ ކޮންމެ މޮޅަކީ މި ދިވެހި ފަސްގަނޑަށް ލިބޭ މޮޅެކެވެ. އަހަރުމެންގެ ގައުމަށް ލިބޭ ރީތި ނަމެކެވެ. ދަގަނޑޭއަށް ލިބޭ ކޮންމެ ޝަރަފަކީ މި ގައުމަށް ލިބޭ ޝަރަފެކެވެ. އެހެންކަމުން އެންމެން ވެސް ވޯޓުލުން ބަންދުވުމުގެ ކުރިން ދަގަނޑޭއަށް ވޯޓުލާން އެބަޖެހެއެވެ. އަދި ވޯޓު ނުލާ ތިބި ރައްޓެހިންނާއި އާއިލާގެ މެމްބަރުން ލައްވައި ވެސް ވޯޓު ލާން ޖެހެއެވެ. ތިރީގައި އެވަނީ ވޯޓުލާން ވީ ގޮތެވެ. މިވަގުތު ދަގަނޑޭ 41 އިންސައްތަ އާއެކު ބަލިވަމުން ދިޔަ ނަމަވެސް އެއްވާނެއްގައި އަހަރުމެން އެންމެން ހިފާލައިފިނަމަ ސެމީ ފައިނަލަށް އޭނާ ދަތުރުކުރުމުގެ ފުރުސަތު ކިތަންމެހާ ވެސް ބޮޑެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.