ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗު އިންގްލޭންޑުން ކާމިޔާބުކޮށްފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އެންމެފަހުގެ ވޯލްޑް ކަޕް ފައިނަލްގައި ވާދަކުރި ކްރޮއޭޝިއާ އާ ވާދަކޮށް އިންގްލޭންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން އިންގްލޭންޑުން ރަނގަޅަށް ކުޅެ ހަމަލާ އުފައްދާފައިވެއެވެ. އެޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ މެޗުގެ 6 ވަނަ މިނެޓުގައި އަމާޒުވީ ގޯލު ދަނޑިއަށެވެ. މި ހަމަލާ ފޮނުވާލީ ފިލް ފޯޑެންއެވެ. މި ހާފުގައި ކްރޮއޭޝިއާއިން ވެސް ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަމައެކަނި ލަނޑު 57 ވަނަ މިނެޓުގައި ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. މި ލަނޑު އޭނާ ޖަހައިދިނީ ފިލިޕްސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެއްވަރުކުރުމަށް ކްރޮއޭޝިއާއިން މަސައްކަތްތަކެއް ކުރި ނަމަވެސް އެޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މި މެޗުގައި ސްޓާލިން ޖެހި ލަނޑަކީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި އޭނާ އިންގްލޭންޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ކްރޮއޭޝިއާއިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގެ ޖާގައެއް ހޯދީ ސެމީ ފައިނަލްގައި އިންގްލޭންޑް ބަލިކޮށްގެންނެވެ.
އިންގްލޭންޑްގެ ދެވަނަ މެޗުގައި ހުކުރު ދުވަހު ސްކޮޓްލޭންޑާއި ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިއާ ނުކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ.