ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވީ، "މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާ ގުޅޭ ގޮތުން ބޭއްވި ވެބިނަރގެ ޕޮލިސީ ލެވެލްގެ ބޭފުޅުން ހިމެނޭ ޕެނަލް ޑިޝްކަޝަންގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެކަމަނާގެ ވާހަކާގައި ވަނީ ޕިއުބަޓީއާ ބެހޭގޮތުން ކުދިން ހޭލުންތެރި ކުރުވުމުގެ މައިގަނޑު ސަބަބުތައް ފާހަގަ ކުރައްވާފައެވެ.
ފަޒްނާ ވިދާޅުވީ، ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭން ޖެހޭކަމަށެވެ. އަދި މިއީ އުފަންވެނި ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދާނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރި ކުރުވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ މެންސްޓްރުއޭޝަން އަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާދޭން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމައެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އަދި ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށާއި، މުޅި މުޖުތަމައަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާ ލެއްވިއެވެ. އަދި، މިފަދަ ކަންކަމަށް ވަކާލާތުކޮށް އުސޫލުތައް ކަޑައަޅާއިރު އެކި ކަންކަމަށް ބޭނުން ކުރާނެ އެކަށިގެންވާ ދިވެހި ބަސް ހުންނަންޖެހޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.