ވަކި މީހެއްގެ އަންބަކަށް ވެގެން ކެބިނެޓްގެ ވަޒީރުކަން ލިބިވަޑައިގަންނަވާނެކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" މި ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، އެކަމަނާއަށް ވަޒީރުކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވުމުންތާ އާންމު މީހަކު ސުވާލުކުރުމުން، ޖަވާބުގައި ނަހުލާ ވިދާޅުވީ އެހެން އެކަން ވާނޭކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. ވަކި މީހެއްގެ އަންބަކަށްވީތީ ރައީސްގެ ކެބިނެޓްގެ މަގާމަކަށް އައްޔަން ނުކުރާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

ކޯލަޝަން ސަރުކާރުގައި ޖޭޕީގެ ދައުރާއި ބެހޭގޮތުން ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ، ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ބައެއް ފުރުސަތުތައް ޕާޓީއަށް ނުލިބޭކަމަށެވެ. އެހެންނަމަވެސް، އެއީ ކޮވިޑްގެ ސަބަބުން ދިމާވެގެން އުޅޭކަމެއް ކަމަށްވިދާޅުވިއެވެ. އަދި ކޮވިޑްގެ މިހާލަތުން އަރައިގަނެވުމުން، ޖޭޕީގެ ހިއްސާ ދެއްވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، މިހާރުވެސް ހަމަހަމަ ފުރުސަތު ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީއެވެ. ސަރުކާރު އައުމުގެ ކުރިންވެސް ކޯލިޝަން ޕާޓީތަކުގެ މެދުގައި މިނިސްޓްރީތައް ބަހާނޭގޮތް އޮތީ ކަނޑައެޅިފައެވެ. ނަހުލާ ޓްރާންސްޕޯޓް މިނިސްޓަރުކަމަށް އައްޔަން ކުރެވުނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. 

ދާދި ފަހުން ހުސްވި ހެލްތު މިނިސްޓަރުކަމުގެ މަގާމަށްވެސް ޖުމްހޫރީ ޕާޓީއިން ނަން ފޮނުވިކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް، އެ މަގާމަށް ރައީސް އައްޔަން ކުރައްވާފައިވަނީ އެމްޑީޕީގެ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.