އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު، ސްޓެލްކޯގެ ގްރީންލައިފް ބަސްސޮޓްޕް ހުޅުވައިފިއެވެ.  

ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތަށް ތައްޔާރުކުރި ބަސްސްޓޮޕް މިއަދު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. 

ބަސް ސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ މި ބަސްސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ޒަމާނީ ފެންވަރުގެ ފަސޭހަތަކާއެކު، ދޭ ވަރަށްވެސް ފުރިހަމަ، ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ސްޓެލްކޯއަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށެވެ. 

މީގެ އިތުރުން މި ބަސްސްޓޮޕް ވެގެންދާނީ ބަސް ދަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ދެވޭ އެހީތެރިކަމެއްގެ އިތުރުން، ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތަކަށް ކަމަށެވެ. އަދި އެ ބަސްސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ. 

"ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި، ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކި އެއީ ކަމުގައި ދެކިގެން. މީގެ އިތުރުން، ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން." މުޣުނީ ވިދާޅުވި އެވެ. 

ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ތައްޔާރުކޮށްފައިވާ މި ބަސްސްޓޮޕަކީ އޭސީ ކުރެވި، ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު، އަތްވާއި، ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ބަސްސްޓޮޕެކެވެ. 

މީގެ އިތުރުން ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން ދަތުރުވެރިންނަށް އެނގޭނެ އިންތިޒާމާއި، ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިން ޕޮޓާއި، ކަރަންޓު ނެގޭނެ ޕޮޓްތައްވެސް ބަސް ސްޓޮޕްގައިވަނީ ގާއިމް ކުރެވިފަ އެވެ. ބަސްސްޓޮޕަށް ބޭނުންވާ 100 އިންސައްތަ ކަރަންޓު އުފައްދަނީ ބަސްސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ. މިއީ ރާއްޖޭގައި މިގޮތަށް 100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް ގާއިމް ކުރެވުނު އެންމެ ފުރަތަމަ ބަސްސްޓޮޕެވެ.

ބަސްސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.