ހުޅުމާލޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްޞަކޮށްގެން މިހާރު ތައްޔާރުކުރަމުންދާ މެޑިކަލް ފެސިލިޓީ އިމާރާތަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެއް މެޑިކަލް ފެސިލިޓީއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލެއްވީ މިއަދުއެވެ.
އެ އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސްއަށް ބައެއް މައުލޫމާތު ދެއްވައިފައެވެ.
His Excellency President @ibusolih has toured and inspected the distribution center in Hulhumalé currently being converted to a COVID-19 medical facility. pic.twitter.com/jmRWjq5aWp
— HDC (@hdcmaldives) June 13, 2021
ސަރުކާރުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ރައީސް ސޯލިހު ވަނީ އިތުރު މެޑިކަލް ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މި ފެސިލިޓީއަކީ މި މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރަމުންދާ ފެސިލިޓީއެކެވެ.
މާލެ ސަރަހައްދުގައި އެފްއޭއެމް އިމާރާތްވެސް ވަނީ ކޮވިޑް-19 މެޑިކަލް ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. ހަމަމިއާއެކު ފެސިލިޓީއަށް ބަލި މީހުން ގެންދެވުމުގެ ކުރިން ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ޓްރައިއޭޖް ފެސިލިޓީތައްވެސް އަންނަނީ ގާއިމްކުރަމުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްކުރެވިފައިވާއިރު، އިއްޔެ ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވީ 246 މީހުންނެވެ.