ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރު 16:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވުމާއެކު، މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ދަނެގަނެ، ފިޔަވަޅު ތަންފީޒްކުރުމަށް ފުލުހުން ހަރަކާތްތެރިވުން -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކޮވިޑް ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 1،017 ފަރާތެއް ޖޫރިމަނާކޮށްފި އެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަގެ ތެރެއިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކާފިއުގެ ވަގުތުގައި ބޭރަށް ނުކުތުމުގެ ސަބަބުން އިއްޔެ އެކަނި 603 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކާފިއު ވަގުތުގައި ބޭރުގައި ހުއްދައެއްނެތި އުޅުނު 147 އުޅަންދެއް ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށެވެ.

އިއްޔެގެ 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތާއި ހިލާފުވުމުގެ އިތުރަށް މާސްކް ނާޅާ ބޭރުގައި އުޅުނު 267 މީހަކު ވެސް ޖޫރިމަނާ ކޮށްފައިވެއެވެ. ބޭރުގައި ހަރަކާތްތެރިވާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އެ ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށެވެ.

މާސް އިންސްޕެކްޝަންގެ ތެރެއިން 21 ވިޔަފާރި އެއް ބަލާ ފާސްކުރި އިރު، އެއްވެސް ވިޔަފާރިއަކުން މައްސަލައެއް ފެނިފައި ނުވާކަމަށް މިއަދުގެ ޕްރެސްގައި މަބްރޫކް ވިދާޅުވިއެވެ.

ކާފިއު ވަގުތުގައި ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ހުއްދަދޫކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ޕޯޓަލުންނެވެ. ނަމަވެސް ކާފިއު ގަޑީގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، ސިއްހީ ދާއިރާއާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި އައު ފިޔަވަޅުތައް:

  • ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެއް ޚިދުމަތް ދިނުން ހުއްޓައިލުން (ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެ)
  • ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  • ސަރުކާރު އޮފީސްތައް ބަންދުކުރެވި މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތައް ހަމަޖެހުން.
  • ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރެވި ދަރިވަރުންނަށް އޮންލައިނކޮށް ކިޔަވައިދިނުން ބަދަލުކުރުން.
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން.
  • ކާފިޔޫ ނޫން ގަޑިތަކުގައިވެސް ފުލުހުންގެ ފާހަކާ ނުލައި ގެއިން ބޭރަށް ނިކުތުން މަނާކުރުން.

ރާއްޖެގައި ކޮވިޑް ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 24000 މައްޗަށް އަރާފައެވެ. އަދި ސިއްހީ ނިޒާމަށް ބާރުބޮޑުވެ، ހިދުމަތަށް ނުކަތާވަރުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.