މާލޭގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން މީހާ، އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އައިމިނަތު ވަހީދާގެ ކާރަށް ފަސް ފަހަރެއްގެ މަތިން ވަނީ ގެއްލުންދީފައެވެ. ކާރަށް ގެއްލުން ދެނީ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. އެކަމުގެ ސަބަބުން އައިމިނަތުގެ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ. މިފަހުން ވެސް އޭނާގެ ކާރަށް ގެއްލުން ދީފައިވާއިރު އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ.
އެންމެފަހުން އައިމިނަތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި އެންމެ ފުރަތަމަ މީހަކު ހައްޔަރުކުރީ ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް އެ ދުވަހު ވަނީ ފަސް ދުވަސް ޖަހާފައެވެ. އޭގެފަހުން މި މަހުގެ 12 ވަނަ ދުވަހު ބަންދު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު ފަސް ދުވަސް ދީފައިވެއެވެ.
ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ވެސް ވަނީ ފަސް ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.