އެމްޑީޕީގެ މަސައްކަތް ދެބައިވިތާ ކިތަންމެ ދުވަހެއް

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު | ގްރެފިކްސް: އިސާމް/ޖަޒީރާ

ވާންހުރި ކަމެއް ވަމުން، ދައްކަވަން ހުރި ތަނެއް ދައްކަވަމުން ގޮސް އެންމެ ފަހުން އެމްޑީޕީ ދެބައިވީ އެވެ.

ރައީސް ޔާމީނުގެ ވެެރިކަމުގައި ސިޔާސީ ޕާޓީތަކާއި އެޕާޓީތަކުގެ ލީޑަރުންނަށް ވެފައި އޮތް ގޮތާއި އެލީޑަރުން ތިއްބެވި ތަންތަނުގެ މަތިން ހަނދުމަ އާ ކޮށްލުމަށް ދެތިން ސިކުންތު ދީފީމެވެ.

އެންމެން ގުޅިގެން މިކޮޅަށޭ ކިޔާ 2013 ގައި ވެރިކަން ފެށީ ފުޅާ ކޯލިޝަނަކުންނެވެ. އެމްޑީޕީ ނޫން ހުރިހާ ސިޔާސީ ޕާޓީތަކާ ލީޑަރުންނާ އެކުއެކީ ބަނދެވިގެންނެވެ. ނިމުނު އިރު ރައީސް ޔާމީނާއި ޕީޕީއެމް އަދި އެމްޑީއޭ ނޫން ހުރިހާ ޕާޓީތައް ތިބީ އެތަން މިތަނުގައި އެގޮތް މިގޮތް ވެފައެވެ. ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމަކުން ބަނދެލިއެވެ. 2018 އަށް ލަފާ ކުރެވޭ ހުރިހާ ބޮލެއް ތިބީ ހިއްލާ ނުލެވޭ ވަރަށް ގުދުކޮށް ތިރާކުރުވާފައެވެ. ގޮސްހުސްވުން ނޫން ގޮތެއް ނެތިފައެވެ.

ބައިނަލްއަގުވާމީ ފިއްތުންތަކާއި ބާރު އެޅުންތަކުން ބޭސްފަރުވާގެ ނަމުގައި ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ނަމުގައި ލިބުނު ފުރުޞަތެއް ގައި ރައީސް ނަޝީދު އިނގިރޭސިވިލާތުގައެވެ. ގާސިމް އިބްރާހިމް ޖަރުމަނުވިލާތުގައެވެ. އެންމެ ބާރުބޮޑުވާނެހެން ހީވާ ބޭފުޅުން އަސްދަނޑިން ބޭރަށް އަރުވާލުމަކީ ރައީސް ޔާމީނަށް ވަކި ދެރަގޮތެއް ނޫނެވެ. އެތެރެއާ ބޭރުގައި ތިއްބަސް ހުކުމްތައް ހުރީ އިއްވާ ނިމިފައެވެ. ޚާރިޖީ ވަޒީރު ދުންޔާގެ ބަސް ފުޅަކީ "ވަރޑިކްޓް ހޭޒް ކަމް." އެވެ. ބޭރުމީހުންނަކީ އަދި މާބޮޑަށް ކޯޓު ހުކުމަށް ބަލާ ބައެކެވެ.

އޭރުގެ ސަރުކާރަށް ފިއްތުން ތަކެއް އައިސް ދެންވާ އެހެން ގޮތެއް ނެތޭހެން ހީވީމާ ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައީސް ޔާމީނަށް ނެގީ ކުޑަ ހިނދުކޮޅެކެވެ. ދެން އޮތީ އީޔޫ އާއި އދ. އެވެ. ބައިނަލްއަގުވާމީ ދަގަނޑު އަތެއް މަތިން ފައިބައިގެން އައިސް ފަހު ވަގުތު ހުރިހާ ގޮށެއް މޮހައިދޭނެ ކަމުގެ ރިސްކް ނުނެގުމަށާއި، ޔާމީނު ނޫން މީހަކު ނެތް ކަމަށް ރުހިގެން ތިބުމަކަށް އެއްބަސް ވެވުނު އެކަކުވެސް ނެތެވެ. ޔާމީނާއި ދެކޮޅަށް ރައްޔިތުންނަށް ދައްކަން ދެންހުރި މީހާ އަކީ ކާކުކަން އެންމެ ރަނގަޅަށް ސާފުވާނީ ޚުދު ރައީސް ނަޝީދަށެވެ.

ދުވަހަކު ލޮލުގެ ހިމަ ކޮޅުން ވެސް ބަލާ ނުލާނެހާ ހަތުރުވެރިކަމުގެ ހޫނު އާވި ބުރުއްސި ސިޔާސީ ހަތުރުން އެކުވެެރިވެ އެއްބަސްވެ، ހިނިތުންވުމާ އެކު ކޯލިޝަނެއް ހަދާ ރައްޔިތުންނަށް ކެންޑިޑޭޓަކު ދެއްކުމުގެ އިސް މޭސްތިރި އަކީ ޚުދު ރައީސް ނަޝީދެވެ. ޕާޓީތަކާއި މީހުންތައް އެކޯލިޝަނުގައި ހިމެނި އިރު ސްކްރީންކޮށް ޚިޔާނާތާއި ޖަރީމާ ތަކުގައި ހިމެނޭ މީހުން އެއްކައިރި އެއް ނުކުރެއެވެ. އެވާހަކަ ބުނި އެކަކުވެސް އެއިރަކު ނެތެވެ. ގަތިއްޔާ ގަތް އެއްޗެއް ވަތަށް ލައިގެން ކޯލިޝަން ދަތުރު ފެއްޓެވި މާލިމީ އަކީ ވެސް ހަމަ ރައީސް ނަޝީދެވެ. މިކޯލިޝަން ގެ އެންމެން ރުހުނު ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހެވެ.

ވެރިކަން ލިބުމުން ދުވަސް ކޮޅެއް ކޮށްލާފައި ރައީސް ޔާމީނު ހެއްދެވިހެން އެންމެން ތަޅާ ބޭރުކޮށް ޖަލަށްލާތަނެއް ނުފެނެއެވެ. ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރަކު ހޯއްދެވުމަކަށް ރައީސް ޞޯލިހް އެއްކަމެއްވެސް ނުކުރައްވައެވެ. އެހެން އެކަން ކުރަން ބުނި މީހަކުވެސް ނެތެވެ.

ކިތަންމެ ރީތިކަމަކަށް ހުތުރު ނަމެއް އަދި ހުތުރު ކަމަކަށް ރީތި ނަމެއްވެސް ދެވިދާނެ އެވެ. ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާ ދީނީ ހައްދުފަހަނައެޅުމާއި ހުރި ގުޅުން އެނގިފެނި، ހާމަވާ އިރުވެސް މިކަމުގައި ސަރުކާރު ގެ ބޮލުގައި އަޅުވާ އިލްޒާމާ ކުރާ ތުހުމަތު އެހެން މަގަކުން ގެންދާތަން އެބަ ފެނެއެވެ.

އެމްޑީޕީގެ އެތެރޭގައި މިބޮޑު މައްސަލަ އޮންނަތާ ކިތަންމެ ދުވަހެކެވެ. އޮތް ކަމެއް ނެތް ކަމަކަށް ހަދައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ހެލޭނެ ވަރަކަށް ހެލި ފައިބާނެ ހުހި، ގޮބޮޅިއެއް ފައިބައިގެން ވާއެއްޗެއް ވާން ރުހުމަށް ވުރެ މޮޅު ގޮތެއް ނެތެވެ.

އެންމެ ގޯސް ގޮތަކަށް ވިޔަސް ވާނީ ދަނޑިވަޅު ބަލާފައި ވެެރިކަން ވައްޓާލާ ރައީސް ޔާމީނު ވަޑައިގެން އެންމެން ޖަލަށްލުމެވެ. އެހެން ވިޔަސް އެއީ ކުރިންނުވާ އައު ކަމަކަށް ނުވާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވައްޓާލުމަށް ރައީސް ޔާމީނާ އެންމެ ގާތުގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ވިޔަސް، އެދުވަހަކުން ވެސް ރައީސް އިބޫ ސޯލިހަށް ވުރެ ކުރިން ޖަލަށް ގެންދާ ބޭފުޅަކަށް ވުން ގާތް ވާނީ ވެސް ހަމަ ރައީސް ނަޝީދެވެ.

ހަނދި ހަސަން ރަސްގެފާނުގެ ދަރިކަލުންނަށް ވެެރިކަން ހަވާލު ކޮށްފައި ކެތް ނުކުރެވުނު ވާހަކަ ކިޔާ އަޑު އިވެއެވެ. ތާރީޚަކީ އިއާދަވާ އެއްޗެކެވެ.

0
0
2
3
4

ކޮމެންޓް

Your email address will not be published.

0 %