ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 246 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 4,788 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 88 ކޭސް
- އަތޮޅުތެރެއިން - 137 ކޭސް
- ރިޒޯޓުތަކުން - 13 ކޭސް
- ތަރައްގީ ކުރެވެމުން އަންނަ ރަށްރަށުން: 08 ކޭސް
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 11،041 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 97 އަށް ދައްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 70،077 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 58،832 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 195 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ހެންދުނު 08:00 ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.