އަންނަ އަހަރަށް ލަފާ ކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ކަނޑައަޅާފައިވާ ބަޖެޓުން އެ ކޮމިޝަނަށް ގާނޫނުތަކުން ލާޒިމް ކުރާ ބައެއް ކަންކަން ވެސް ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިޔަށް ދާ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ މެންބަރު މޫމިނާ ވަހީދު ވިދާޅުވީ އަންނަ އަހަރަށް އެޗްއާރްސީއެމްއަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެޗްއާރްސީއެމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމާއި ހުރިހާ މަސައްކަތްތަކަށް ބަލާފައި 39 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށާއި ނަމަވެސް ބަޖެޓްގެ ސީލިންއަށް ފެއްތުމަށް ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު 30 މިލިއަން ރުފިޔާއަށް ބަޖެޓު ކުޑަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީ އިން އެ ބަޖެޓު ފާސްވިއިރު އެޗްއާރްސީއެމްއަށް 24 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށް މޫމިނާ ވިދާޅުވި އެވެ.

އެ ބަޖެޓުން މުއައްޒަފުންގެ މުސާރަ އާއި އިދާރީ ކަންކަމަށް ހަރަދު ކުރުމަށް ފަހު ޕްރޮގްރާމްތައް ހިންގުމަށް ބާކީ ވަނީ ފަސް މިލިއަން ރުފިޔާ ކަމަށާއި އޭގެ ސަބަބުން ގާނޫނުތަކުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރެވޭ ކަމަށެވެ. އެގޮތުން އެންޓި ޓޯޗާ ގާނޫނުގެ ދަށުން ބަންދުގައި ތިބި މީހުންގެ ޖަލުތަކަށް އެކަށީގެންވާ މިންވަރަށް ޒިޔާރާތް ކުރުމަށް ވެސް އެ ބަޖެޓަކުން ނުފުދޭނެ ކަމަށް މޫމިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވިސިލް ބްލޯ ގާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް އެޗްއާރްސީއެމް އިން ކުރަން ޖެހޭއިރު، 

ވިސިލްބްލޯ ޔުނިޓުގައި މިހާރު އެއްވެސް މުއައްޒަފެއް ނުހުންނަ ކަމަށެވެ. އަދި ގާޏޫނުގައި ބުނާ މިންވަރަށް އެ މަސައްކަތް ހިންގުމަށް އެ ޔުނިޓަށް މަދުވެގެން އަށް މުއައްޒަފުން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ބަޖެޓް ސީލިންއަށް ފައްތަން ތިން މުއައްޒަފުންނާއެކު މެނޭޖް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މޫމިނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބަޖެޓް ފާސްވެގެން އައިއިރު އެ ތިން މުއައްޒަފުންނަށް ވެސް ފައިސާ ކަނޑައެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގެ ދަށުން ހަގީގަތުގައި ވަރަށް ބޮޑެތި ޒިންމާތައް މަތިކޮށްފަ އެކަންތައް ކުރެވޭނެ ވަރާ ގާތަށް ވެސް އެއްވެސް މިންވަރަކަށް ފައިސާ ދީފަ ނެތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" މޫމިނާ ވިދާޅުވި އެވެ.

މޫމިނާ ވިދާޅުވީ އަންނަ އަހަރު އެޗްއާރްސީއެމްގެ މަސައްކަތްތައް ނުކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް ކޮމިޝަން ހާޒިރު ކުރުމުން ބަޖެޓްގެ ދަތިކަމުން އެކަން އަދާ ނުކުރެވުނު ކަމަކަށް ދަންނަވާކަށް ބޭނުން ނުވާ ކަމަށެވެ. 

"24 މިލއިަން އަކީ ހަމައެކަނި މުއައްޒަފުންނަށް މުސާރަ ދީފަ އިދާރާގަ ރެންޓު ދައްކާފަ ތިބެންވީ. މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކަން ވެގެން ވާނެ ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ. 

އެޗްއާރްސީއެމްގެ އާ މެންބަރުންނާއެކު އެ ކޮމިޝަންގެ ބޮޑު ތަސައްވުރެއް އެބައޮތް ކަން މޫމިނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ތަހުގީގު މަސައްކަތް ހަރުދަނާ ކުރުމާއި އެންޓި ޓޯޗާ ގާނޫނުގެ ކަންކަން ރަނގަޅު ކުރުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކޮމިޝަން ރައްޔިތުންގެ އިތުބާރު ހިފޭ ކޮމިޝަނަށް ހެދުމަށް ވިސްނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ބަޖެޓުން އެ ކޮމިޝަނަށް އެ ފުރުސަތު ލިބިދޭން ޖެހޭ ކަމަށް ވެސް މޫމިނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.