ވޭލްސް ކޮޅަށް ބްރީލް އެމްބޯލޯ ލަނޑު ޖަހަނީ | ފޮޓޯ: ޔުއޭފާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ސްވިޓްޒަލޭންޑް އަދި ވޭލްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އަޒެރުބައިޖާންގެ ވެރިރަށް ބަކޫގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވޭލްސްއިން ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ކީފަރ މޫރ ބޮލުން ފޮނުވާލި ހަމަލާއެއް ސްވިޓްޒަލޭންޑްގެ ކީޕަރު އިއަން ސަމަރ ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ކުޅުން ކުރިޔަށްދިޔަ ވަރަކަށް ސްވިޓްޒަލޭންޑުން ވޭލްސްގެ ގޯލަށް ނުރައްކާކުރިއެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލުކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ވެސް ސްވިޓްޒަލޭންޑުން މެޗުގެ ކޮންޓްރޯލް ދެމެހެއްޓިއިރު 49 ވަނަ މިނެޓުގައި ޒާޑަން ޝަގީރީ ނެގި ކޮނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރީލް އެމްބޯލޯ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެއަށްފަހު ވޭލްސްއިން ކުޅުން ރަނގަޅުކޮށް ކީފަރ މޫރ ވަނީ އެޓީމަށް އެއްވަރުކޮށްދީފައެވެ. މި ލަނޑު އޭނާ ޖަހައިދިނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ސްވިޓްޒަލޭންޑުން 85 ވަނަ މިނެޓުގައި ޖެހި ލަނޑެއް ވީއޭއާރު ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ގްރޫޕްގެ އެއްވަނާގައި ތިން ޕޮއިންޓާއެކު އޮތީ އިޓަލީއެވެ. ދެވަނަ އެއް ޕޮއިންޓާއެކު ސްވިޓްޒަލޭންޑަށް ލިބޭއިރު ތިންވަނާގައި އޮތީ ހަމަ އެއް ޕޮއިންޓާއެކު ވޭލްސްއެވެ. އަދި ހަތަރުވަނަ ލިބެނީ އިޓަލީ އަތުން ބަލިވި ތުރުކީއަށެވެ. މުބާރާތުގެ ދެވަނަ މެޗުޑޭގައި އިޓަލީ ނުކުންނާނީ ސްވިިޓްޒަލޭންޑާއި ދެކޮޅަށެވެ. އަދި ވޭލްސް ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.