ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑާ ސޫގާ

ޗައިނާއިން އެގައުމުގެ ބައެއްކަމަށް ދައުވާކުރާ ޓައިވާނަކީ "ގައުމެއް" ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑާ ސޫގާ ވިދާޅުވުމުން، ޗައިނާއިން އެކަމާ ހިތްހަމަނުޖެހިއްޖެއެވެ.

ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ލީޑަރާއެކު ކުރެއްވި ބަހުސެއްގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމުތަކުގެ މިސާލު ދައްކަވަމުން ސޫގާ ނެންނެވީ އޮސްޓްރޭލިއާ، ނިއުޒިލެންޑް އަދި ޓައިވާނެވެ.

ޓައިވާނަކީ ޗައިނާއިން އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައި ބަލާ ސަރަހައްދެކެވެ. އަދި އާއްމުކޮށް ޖަޕާނުގައިވެސް ޓައިވާނަށް ނިސްބަތްކުރަނީ "ގައުމެއް"ގެ ބަދަލުގައި "ސަރަހައްދެއް"ގެ ގޮތުގައެވެ. އިރުމަތީ ޗައިނާ ކަނޑާއި، ހޮންކޮންގްގެ މައްސަލައިގައި ޗައިނާއާއި ޖަޕާނުގެ ގުޅުން ހީނަރުވެފައިވަނިކޮށް، ޖަޕާނުގެ ބޮޑުވަޒީރުގެ ވާހަކަފުޅާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ވަނީ ގޯސްވެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނީ ޗައިނާއަކީ އެއް ގައުމެއްކަމަށާއި، ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށެވެ. އަދި މިމައްސަލައިގައި ޗައިނާގެ ކަންބޮޑުވުން އޮތްކަން ޖަޕާނަށް ރަސްމީކޮށް އަންގާފައިވާކަމަށްވެސް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވާންގް ވެންގްބިންގް ވަނީ ވިދާޅުވެފައެވެ.

ޓައިވާނަކީ ގައުމެއްކަމަށް ޖަޕާނުން ބަލައިގަންނަކަމަށް ދޭހަވާފަދަ މޭރުމަކުން ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ވާހަކަފުޅު ދައްކަވާފައި މިވަނީ ޖަޕާނާއި ޓައިވާނާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ދާދިފަހުން ޖަޕާނުން ވަނީ ޓައިވާނަށް 1.2 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައެވެ. ޗައިނާއިން ވަނީ މިއީ ސިޔާސީ ދެއްކުންތެރިކަމެއްކަމަށް ސިފަކޮށް، ޖަޕާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި މިދިޔަ އެޕްރީލް މަހު އެމެރިކާގެ ރައީސް ޖޯޖް ބައިޑެންއާއެކު ވޮޝިންޓަންގައި ސޫގާ ބޭއްވެވި ބައްދަލުވުމަށްފަހު ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ޓައިވާން ކަނޑުއޮޅީގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ މުހިއްމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މިއީ ފާއިތުވި 52 އަހަރު ތެރޭ ޖަޕާނާއި އެމެރިކާ ގުޅިގެން ނެރުނު ބަޔާނެއްގައި ޓައިވާނުގެ ނަން އައި ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *