ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 195 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) ގެ މައުލޫމާތުތައް ދައްކާގޮތުން ބަލީގައި އެންމެފަހުން މަރުވެފައިވަނީ މިއަދު މެންދުރު 12:43 ގައި މަރުވި މީހެކެވެ. އެއީ 25 އަހަރުގެ ދިވެހި އަންހެނެކެވެ.
އެޗްޕީއޭއީން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ވިހެއުމަށްފަހު ކޮވިޑް-19 އާއި ގުޅިގެން މަރުވި ފުރަތަމަ މީހާއެވެ. ސިޒޭރިއަން ހެދުމަށްފަހު ނިޔާވި ޒުވާނާގެ ކުޑަދަރިފުޅަށް ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓުގައި ފަރުވާދެވެމުން އަންނަ ކަމަށް ބުނެފައިވެއެވެ.
އަދި މަރުވި އަންހެން މީހާއަކީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުގައި ފާއިތުވި 15 ދުވަހު ފަރުވާ ދެމުން އައި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަދު 2 މީހަކު މިހާތަނަށް މަރުވެފައިވާއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރެއްވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 295 މީހަކު ޕޮޒިޓިވްވެފައިވާއިރު، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަނީ 111 އަށް ދަށްވެފައެވެ.