އަމާޒަކީ ތަފާތު ބަލިބައްޔައް ފަރުވާ ދެވޭނެ ހޮސްޕިޓަލުތައް އެކި ސަރަހައްދުތަކުގައި ގާއިމްކުރުންކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

ނަސީމް މިހެން ވިދާޅުވީ ރޭ ގެނެސްދިން ދައުލަތުގެ ބަޖެޓް 2021 ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، ކެންސަރަކީ ހަށިގަނޑުގެ އެންމެ ގުނަވަނަކަށް ޖެހޭ ބައްޔެއް ނޫންކަމަށެވެ. ކެންސަރު ތަފާތު ގުނަވަންތަކަށް ޖެހޭކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ، ކެންސަރަށް ފަރުވާދޭން ހުންނާނީ އެންމެ ހޮސްޕިޓަލެއް ނޫންކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ހޮސްޕިޓަލު ލާމު އަތޮޅުގައި ގާއިމްކޮށް، ކެންސަރަށް ފަރުވާދޭ މައި ތަނަކަށް ލާމު އަތޮޅު ހަދާނެކަމަށެވެ. 

ކެންސަރުގެ އިތުރު ހޮސްޕިޓަލުތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ގާއިމްވެގެންދާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ތަފާތު ބަލިބައްޔައް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލުތަކެއް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމެވެ. އެގޮތުން ލާމު އަތޮޅުގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް ނިންމީއެވެ. ނަސީމް ވިދާޅުވި ގޮތުގައި، މާލޭގައި ކެންސަރު ހޮސްޕިޓަލު އެޅުމަށް ވަކި ރަނގަޅު އާގިއުމެންޓެއް ނެތެވެ. 

ގަމުގައި ގާއިމްކުރެވޭ ކެންސަރު ހޮސްޕިޓަލަކީ އެތަނުގެ ރީޖަނަލް ހޮސްޕިޓަލާއި ވަކިން ގާއިމްކުރެވޭ ހޮސްޕިޓަލެކެވެ. އެހެންނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ގަން ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓަރީ ބޭނުންކުރައްވަން ޖެހޭނެކަމަށް ނަސީމް ވިދާޅުވިއެވެ. މިކަމަށް ހާއްސަ ކޮށްގެން ލެބޯޓަރީގެ ހިދުމަތްތައް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.