ރިޕޯޓް

އދ މަޖިލިސް އިންތިޚާބުގެ ކާމިޔާބު: ފެނުނީ ޑިޕްލޮމެޓުންގެ ގާބިލްކަމާއި ޑިޕްލޮމެޓިކް އައުޓް ރީޗް

އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއިން ނިމިދިޔަ ހަފްތާގައި ކާމިޔާބުކޮށްފައިވަނީ 143 ޤައުމުގެ ވޯޓާއެކުގައެވެ. ރާއްޖެއާ ވާދަކުރި އަފްޣާނިސްތާނަށް ލިބުނީ 48 ވޯޓެވެ. ދުނިޔޭގެ އެންމެ 16 ގައުމެއްގައި 17 ޑިޕްލޮމެޓިކް މިޝަން ހިންގާ ގައުމަކުން، ދުނިޔޭގެ 45 ގައުމެއްގައި 65 ޑިޕްލޮމެޓިކް މިޝަން ހިންގާ ގައުމެއް އދގެ މިފަދަ އިންތިޚާބެއްގައި ބަލިކޮށްލީ ހަމަ ގައިމުވެސް ވަރަށް ބުރަ މަސައްކަތްތަކަކުންނެވެ.

މި ކެމްޕޭން ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ޚާރިޖިއްޔާގެ ބައެއް ފަރާތްތަކުން 'ޖަޒީރާ' އަށް ދިން މައުލޫމާތުތަކުން އެނގުނު ގޮތުގައި ރަސްމީ ގޮތެއްގައި ކެމްޕޭންގެ މަސައްކަތް ބޮޑަށް ފެށިގެންދިޔައީ 2020 ވަނަ އަހަރު ފެށުނުތަނާ އެވެ. އެހެންނަމަވެސް ރަނގަޅަށް ނުފެށިގެން އުޅެނިކޮށް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ވަބާއާއިއެކު، ފޮރިން މިނިސްޓްރީއާ އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތައް ބަދަލުވެގެން ދިޔައީ ކޮވިޑާއި ގުޅޭ މަސައްކަތްތަކަށެވެ.

އދ.ގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ގޮތުގައި ހޮވުމާއެކު، އދ. އާންމު މަޖިލީހުގެ ރިޔސަތު ބަލަހައްޓަވާ ފަރާތާއި، އދ. އިސްވެރިންނާއި އަބްދުﷲ ޝާހިދު ސަލާމްކުރައްވަނީ -- ފޮޓޯ: ޔޫއެން

ރާއްޖެއިން ބޭރުން ދިވެހިން އަނބުރާ ރާއްޖެ ގެނައުމާ، ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމާއި، ވެކްސިން އުފެއްދުމުން ދިވެހިންނަށް ވެކްސިން ލިބޭނެގޮތް ހެދުމަށެވެ. ކޮވިޑްގެ ދުވަސްވަރު ރާއްޖެ ބަނޑަށް ޖެހުނަ ނުދީ އިމްޕޯޓަށް ބަރޯސާވެފައިވާ މި ގައުމަށް ބޭނުންވާ އަސާސީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށެވެ.

ހަމަމިއާއި އެކު ޕެންޑެމިކަށް އެންމެން ހޭނި، "ނިއު ނޯމަލް" އަށް ހުރިހާ އެންމެންގެ މަސައްކަތްތައް ބަދަލުވުމާއެކު، ކުރަމުން އައި މަސައްކަތްތަކުގެ ތެރެއަށް "ޓީމް ޚާރިޖީ" އިން އިތުރުކޮށްލީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގެ ގޮނޑި ދިވެހިރާއްޖެއަށް ހޯދައިދިނުމުގެ މަސައްކަތެވެ.

މިއީ ޓީމް ޚާރިޖީގެ ޓީމް ވަރކް

އާއްމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ހޯދުމުގެ މަސައްކަތުގައި މިނިސްޓްރީއާއި، އެމިނިސްޓްރީގެ ދަށުން ދުނިޔޭގެ 16 ގައުމެއްގައި ހިންގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތައް ވަރަށް ފުރިހަމަޔަށް ބައިވެރިވިއެވެ. މިނިސްޓްރީގެ މުވައްޒަފުން ކެމްޕޭންގެ އެކި ޓީމްތަކަށް ބަހާލިއިރު، ގިނަ ޓީމްތަކުގެ މެމްބަރުން ތިބީ ދުނިޔޭގެ އެކި ބައްރުތަކުގައެވެ. ގަޑީގެ ތަފާތާއެކު، ދަންވަރުވެސް މަސައްކަތްކުރަމުން ދިޔައިރު، ޓީމް ޚާރިޖީ އިން ދައްކުވައިދިނީ ހަރުދަނާ ޓީމް ވަރކެވެ.

ކޮންމެ ހަފްތާއަކު އެއް ފަހަރު މުޅި ކެމްޕޭން ޓީމް އެއްކޮށް އެއް ގަޑިއެއްގައި ބައްދަލުކުރުންވެސް ވީ ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކީ ޖަޕާނުގެ ޓޯކިޔޯއިން ފެށިގެން އެމެރިކާގެ ނިއުޔޯކާ ދެމެދު ޑިޕްލޮމެޓިކް މިޝަންތައް ހުންނަ އިރު، އެންމެންނަށް ފަސޭހަ އެއްގަޑިއެއްގައި ބައްދަލުވުން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވުމެވެ. އެހެންނަމަވެސް ކޮންމެ ހަފްތާއަކު އެއް ރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު، އެއޯ ޓޯކިޔޯއަށް ދަންވަރު އަދި ނިއުޔޯކަށް ހެނދުނުވުމުން ބައްދަލުވުންތައް ބާއްވަން ފެށުނެވެ.

އދ. ގައި ރާއްޖެ ތަމްސީލްކުރައްވާ، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހަސަން -- ފޮޓޯ: ޔޫއެން

މި ބައްދަލުވުންތަކުގައި ހުރިހާ ސަފީރުންނާއި ޓީމް ލީޑަރުންނާއި ޓީމްތަކުން ބައިވެރިވިއިރު މިނިސްޓްރީގެ އެންމެ ޓޮޕް ލީޑަރޝިޕްވެސް ދިޔައީ މި މަސައްކަތުގައި އެންމެ ހަފްތާއެއްވެސް ވައްޓާނުލާ މަސައްކަތްކުރަމުންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ފޮރިން މިނިސްޓްރީއިން ކުރަމުންދާ އެހެން މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދިޔަކަމެވެ. އަދި ކޮވިޑާއި ގުޅިހެން އައި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް، ރާއްޖެއަށް ފަތުރުވެރިކަމާއި އިންވެސްޓްމަންޓް، އަދި އެހީ ހޯދުމަށް ކުރަމުންދިޔަ  މަސައްކަތްތައް ވެސް އެއްވެސް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދިޔައެވެ.

ފެނިގެން ދިޔައީ ބޭރުގައި ހުންނަ މިޝަންތަކުގެ މުހިއްމުކަން

މި ކެމްޕޭންގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މިނިސްޓްރީގެ އިތުރުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ މުހިއްމުކަން ކަމަށް ފޮރިން މިނިސްޓްރީގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުން ފާހަގަކުރައްވައެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ އެކު ބޭއްވި ރަސްމި މަޝްވަރާތަކުގެ ތެރެއިން

ޑިޕްލޮމެޓިކް މިޝަން ހުރި އިރު، ކޮންމެ މިޝަންއަކުން ހޮސްޓް ގައުމާއި އަދި އެގައުމެއްގައި ހުންނަ އެހެން ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއެކު މެދުނުކެނޑި އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ މިފެނުނީ. އަދި އެމިޝަންތަކުގައި ތިބި މަދު މުވައްޒަފުން ކުރި މަސައްކަތުގެ ނަތީޖާވެސް މި ފެނުނީ

ޝާހިދުގެ ޝުކުރު ޓީމް ޚާރިޖީއަށް

ދިވެހިރާއްޖެއަށް މިލިބިނު ކާމިޔާބީއާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މި ކާބިޔާބީއަކީ ޖަޕާނުގެ ޓޯކި ޔޯއިން ފެށިގެން އެމެރިކާގެ މެންހަޓަންއާ ދެމެދު ހުރި ދިވެހި މިޝަންތަކުގައި މަސައްކަތްކުރައްވާ “ޓީމް ޚާރިޖީގެ” ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި މި ޓީމުގެ މަސައްކަތާމެދު މުޅި ދިވެހި ގައުމާއި އެމަނިކުފާނުވެސް ފަޚުރުވެރިވާކަމަށެވެ. އަދި ޑިޕްލޮމެޓުން މަސައްކަތްކުރެއްވީ ދަތި ދުވަސްވަރެއްގައި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޓީމް ޙާރިޖީއަށް ޝުކުރު ދަންނަވާފައެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %