އިންސާނީ ހައްގު ނުގެއްލޭނެހެން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ސަލާމަތީ ބާރުތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްއާރުސީއެމް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި، ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިންސާނީ ހައްގު ނުގެއްލޭނެހެން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެެވެ. އިންސާނީ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށާއި، ކަމާއިބެހޭ މުއައްސަސާތަކުން އެކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް އެޗްއާރުސީއެމްއިން ބުނެއެވެ.
އަދި ޖަލުތަކުގައި ތިބޭ ފަރާތްތަކުންވެސް ކަމާގުޅުންހުރި މުއައްސަސާތަކަށް އެއްބާރުލުން ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
Salaamathee baaruthakun kuriah gendhaa operation thakugai insaanee haggu nugelleynehen efadha operation thah kuriah gendhevumah Commission in ilthimaas kuran.
Insaanee haggakee komme meehakahme libigenvaa haggakah vaairu kamaa behey muassaathakun mikamah ithuru samaalukameh
1/2— HRC of the Maldives (@hrcmv) June 12, 2021
އެޗްއާރުސީއެމްއިން މިހެން ބުނެފައި މިވަނީ މޭމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުން އަންނަ އޮޕަރޭޝަނެއް މާލެ އާއި މަފުށީ ޖަލުގައި މިއަދު ފަށާފައި ވަނިކޮށެވެ.
މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ގަން ބޭނުންކުރުމުގެ ސަބަބުން ބަންދުގައި ހުރި މީހަކަށް އަނިޔާވި ކަމަށް ސޯޝަލް މީޑީއާގައި އަންނަނީ ދައުރުވަމުންނެވެ. މީހެއްގެ ކަރުން ލޭ އަންނަ ފޮޓޯތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން 'ޖަޒީރާ' އަށް މައުލޫމާތު ދެމުން ކަރެކްޝަންސް އިން ބުނީ މި އޮޕަރޭޝަންގައި ޓޭޒަރ ގަން ބޭނުންކޮށްފައި ނުވާ ކަމަށާއި ދައުރުވަމުންދަނީ ސައްހަ ފޮޓޯތަކެއް ނޫން ކަމަށެވެ.