ހައްދުފަހަނަ އެޅި ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަލު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ތިބެގެން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 18 އަހަރުގެ މީހާއަށް ފަސް ދުވަސް އަދި އެހެން އެންމެނަށް 15 ދުވަސް ވަނީ ބަންދުގެ މުއްދަތުގެ ގޮތުގައި ޖަހައިދީފައެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު ހައްޔަރުކުރިއެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް އެކު ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެެއްގެ އިތުރުން 31 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.