ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ހޮވިވަޑައިގެންފިއެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެން ގޮސްފައިވަނީ މިއަދު އެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކެނޑިޑޭޓް ނަމްބަރު 1 ޑރ. މުއިއްޒުއަށް އަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ. ކެނޑިޑޭޓް ނަމްބަރު 2 ރަފީގަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެކެވެ.
ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ހަތް ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. ނަމަވެސް ރަށުކައުންސިލްގެ ވަގުތީ ނަތީޖާ އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ހަތް ކައުންސިލަރުންނަކީ:
- އަބްދުﷲ ޒާމިރު (ހދ. ވައިކަރަދޫ ކައުންސިލް ރައީސް، އެމްޑީޕީ)
- އަހްމަދު އިބްރާހިމް (ގއ. ދާންދޫ ކައުންސިލް މެމްބަރު، އެމްޑީޕީ)
- ހުސައިން ޔާމީން މުހައްމަދު (ކ. ގުރައިދޫ ކައުންސިލް ރައީސް، ޕީޕީއެމް)
- އަބްދުﷲ ވަހީދު (ފ. މަގޫދޫ ކައުންސިލް ރައީސް، އެމްޑީޕީ)
- އަހްމަދު ކަރަމް (އއ. ތޮއްޑޫ ކައުންސިލް ރައީސް، އެމްޑީޕީ)
- މުހައްމަދު ރަޒީފް (ހއ. ފިއްލަދޫ ކައުންސިލް މެމްބަރު، އެމްޑީޕީ)
- މުހައްމަދު އިލްހާމް (ހދ. ނެއްލައިދޫ ކައުންސިލް މެމްބަރު، އަމިއްލަ ގޮތުން)
އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުގެ ގޮނޑިއަށް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. އެ މަގާމަށް ނިމާލް ހޮވިވަޑައިގަތީ އިތުރު ކެނޑިޑޭޓަކު ސުންގަޑި ހަމަވިއިރު ކުރިމަތިލައްވާފައި ނުވާތީއެވެ.