ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީކޮށްފައިވާ "ލޮނުޒިޔާރަތް ޕާކް"ގައި ހުރި އިމާރާތަކަށް، ގަހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފިނަމަ އެކަމަށް ފިޔަވަޅު އެޅޭނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ލޮނުޒިޔާރަތް ޕާކު ހުޅުވުމާއި ގުޅިގެން ޕާކުގައި އަމަލުކުރަންޖެހޭގޮތް އަންގައި އާންމުކޮށްފައިވާ ގައިޑްލައިންތަކުގައި ވާގޮތުން، ޕާކުގައި ހުންނަ ގަސްގަހާގެއްސައް ގެއްލުން ދިނުމަކީ މަނާކަމެކެވެ. އަދި، ޕާކަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބޭނުންކުރެވޭ ސާފު ތަނަކަށް ހެދުމުގެ ބޭނުމުގައި، ޕާކުތެރޭ ދުންފަތުގެ އިސްތިއުމާލުކުރުމާއި ޕާކަށް ކުނިއެޅުންވަނީ މަނާކޮށްފައެވެ. ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ޕާކުގައި އުޅޭއިރު ކުނިއަޅަންވާނީ އެކަމަށް ހާއްސަކޮށް ބަހައްޓާފައި ހުރި ކުނިއަޅާ ވަށިގަނޑުތަކަށެވެ.

މީގެއިތުރުންވެސް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ޕާކުތެރެއަށް ވެއްދުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެތި ވައްދައި ކައިބޮއެ ހެދުމަކީވެސް މަނާކަމެއްކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ކޮވިޑް-19ގެ މިހާލަތުގައި، ޕާކަށް ޒިޔާރަތް ކުރާއިރު ނޭފަތާއި އަނގަ ނިވާކޮށްގެން އުޅުމަށްވެސް ވަނީ އަންގާފައެވެ. އަދި ޕާކުގައި އުޅޭއިރު އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ބަލީގެ އަލާމާތްތައް ފެންނަނަމަށް ޕާކަށް ޒިޔާރަތް ނުކުރުމަށްވެސް ވަނީ އެދިފައެވެ.

އަދިވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ޕާކަށް ޒިޔާރަތް ކުރާމީހުންގެ ރައްކާތެރިކަމަށްޓަކައި، ތޫނުއެއްޗެއް ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ޕާކަށް ވެއްދުމަކީ މަނާކަމެކެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ޕާކަށް ވަނުމުގެ ކުރިންނާއި ނުކުތުމުގެ ކުރިން އަތްދަބަސް ޗެކް ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ލޮނުޒިޔާރަތް ޕާކު ހަދާފައިވަނީ ދުވާ މީހުންނަށް ހާއްސަ ލޭނެއް، ބައިސްކަލު ދުއްވުމަށް ހާއްސަ ލޭނެއް އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހަކަމާއެކު ޕާކު ބަލާލުމުގެ ފުރުސަތު ފަހިވާ ގޮތަށެވެ. މި ޕާކުގައި ޕޮންޑެއްގެ އިތުރުން ކުޑަ ބްރިޖެއް އަދި އުސްފަސްގަނޑެއް ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ނެތެމުންދާ އެތައް ބާވަތެއްގެ ގަސްތައްވެސް ޕާކުގައި ހުންނާނެކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުވަނީ ވިދާޅުވެފައެވެ. ކޮންމެ ގަހެއްގެވެސް ސައިންޓިފިކް ނަން އަދި ދިވެހި ނަންވެސް ލިޔެފައިވާނެކަމަށް ވިދާޅުވިއެވެ. މި ޕާކުގައި މީހުން އިށީނދެ އިނުމަށް 300 އަށްވުރެ ގިނަ ބެންޗުވެސް ހުރެއެވެ.

ޕާކު ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް، އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.