ނޮވެމްބަރު މަހުގެ ފުރަތަމަ 11 ދުވަހު ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 11،000 ކައިރިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިހާތަނަށް އެއް މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވެނީ މި މަހުއެވެ. އެގޮތުން، މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން އެއް މަހުން އަނެއް މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ޖުލައި މަހު 1،752 ފަތުރުވެރިން އައިއިރު އޮގަސްޓް މަހު 7،628 ފަތުރުވެރިން އައިސްފައިވެއެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން އައިސްފައިވާއިރު އޮކްޓޯބަރު މަހުގެ ނިޔަލަށް އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. 

އެ މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް، ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖެ އައިސްފައިވަނީ އޮކްޓޯބަރު މަހުއެވެ. އެ މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް 694 ފަތުރުވެރިން އައިސްފައިވެއެވެ. ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާއި ހަމައަށް އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް އައިސްފައިވަނީ 997 ފަތުރުވެރިންނެވެ. އެއީ 11 ދުވަހުގެ ތެރޭގައި ޖުމްލަ 10،972 ފަތުރުވެރިންނެވެ. އެހެންކަމުން، އެންމެ ގިނަ ފަތުރުވެރިން ދިވެހިރާއްްޖެއަށް ޒިޔާރަތް ކުރާނެކަމަށް ބެލެވެނީ މިމަހުއެވެ.

ބޯޑަރު ހުޅުވާލިފަހުން ދިވެހިރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. ރަޝިޔާގެ 11،240 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި އޮތް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 4،468 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އެމެރިކާއިން އައިސްފައިވަނީ 3،927 ފަތުރުވެރިންނެވެ. 

މިހާތަނަށް ބޯޑަރު ހުޅުވާލިފަހުން ވަނީ 1،146 ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން ވަނީ ބޯޑަރ މައިލްސް ޕްރޮގްރާމެއް ތާރަފްކޮށްފައެވެ. އަދި ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ އެއަރ ބަބަލް ވެސް ރާއްޖެ އަދި އިންޑިއާ އާ ދެމެދު ވަނީ ގާއިމްކުރެވިފައެވެ. އަދި ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވަނީ މި މަހުގެ ތެރޭގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް މަސްތަކުގައި ވެސް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް 19 ކޮންޓްރޯލްކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާރު 51،354 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2020 ވަނަ އަހަރު ޖުމްލަ ޒިޔާރަތްކޮށްފައިވަނީ 434،201 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.