މިއަހަރު ނިމުމުގެ ކުރިން 128 ރިސޯޓު ހުޅުވާލާނެކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެ މިނިސްޓްރީއިން އަންގާރަ ދުވަހު އާންމުކޮށްފައިވާ، ހުއްދަ ދެވިފައިވާ ރިސޯޓު، ހޮޓާ، ޓޫރިސްޓް ވެސަލް އަދި ޓްރާންސިޓް ފެސިލިޓީތަކުގެ ލިސްޓުގައިވާ ގޮތުން ޑިސެމްބަރު 15އަށް ރާއްޖޭގައި 128 ރިސޯޓަކުން ހިދުމަތް ދޭނެއެވެ. އޭގެ ތެރެއިން 122 ރިސޯޓެއް އޮޕަރޭޓް ކުރަން މިހާރުވެސް ފެށޭނެއެވެ. ބާކީ އިން 6 ރިސޯޓުގެ ތެރެއިން އެންމެ ލަހުން ހުޅުވުމަށް ނިންމާފައިވަނީ މަކުނުދޫ އައިލެންޑެވެ. އެ ރިސޯޓު ހުޅުވާލަނީ 15 ޑިސެމްބަރުގައެވެ. އޭގެ އިތުރުން ޑައިމަންޑް ތުޑުފުށި ބީޗް އެންޑް ވޯޓަރ ވިލާސް، ދިގަލި މޯލްޑިވްސް، ސޭންޑިސް ބަތަލާ، ބޮލުފުށި އައިލެންޑް ރިސޯޓު، އަދި ކަނުހުރާ ހުޅުވުމުގެ ހުއްދަވެސް މިހާރު މިނިސްޓްރީއިން ވަނީ ދީފައެވެ.

މީގެއިތުރުންވެސް، ދާއިންކަނބާ ޓޫރިސްޓް ވެސަލްއަށް 15 ނޮވެމްބަރުގައި ހިދުމަތް ފެށުމުގެ ހުއްދަ ދޫކޮށްފައިވާއިރު، 82 ޓޫރިސްޓް ގެސްޓްހައުސްއަކަށްވެސް ހުއްދަ ދީފައިވެއެވެ. 

ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖެއަކީ ޓޫރިސްޓުންނަށް އަމާން ރައްކާތެރި ތަނެއް ކަމުގައި ބޭރުގެ ގިނަ ގައުމުތަކަކުންވަނީ ބަލައިގަނެފައެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 500،000 ޓޫރިސްޓުން ދިވެހިރާއްޖެއަށް ގެނައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.