ހުއްދަނެތި ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް
ގެންދާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން މިކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ހަމައެކަނި، ކައުންސިލްގެ ހުއްދައާއި އެކު އެކަން ކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ އެ އޭޖެންސީން ވަނީ ރުއް ގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން އީޕީއޭގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްޤީކުރާ ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރުއް ގަސް ނެގުމުގައި ބަލަން ޖެހޭ ކަންކަން:
- އެ މަޝްރޫއު އަކަށް ދޫކޮށްފައިވާ އީ.އައި.އޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ
- ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުށްގަހުގެ އަދަދު
- ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން
- ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން
އީޕީއޭ އިން ބުނީ މި ހުއްދަތައް މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައާއި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަންޖެހޭނެ ކަމަށެވެ. އަދި މި ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ހުއްޓުވާ ފިޔަވަޅުއަޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.