ހއ.ހޯރަފުށީގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް އަންނަ ހޯމަދުވަހު ޖައްސަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ހޯރަފުށީ އެއާޕޯޓަށް ޖައްސާ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާނީ 16ވާ ހޯމަ ދުވަހުއެވެ. އެއްވެސް މައްސަލައެއް ދިމާނުވާނަމަ އަންގާރަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހޯރަފުށީ އެއާޕޯޓު މަޝްރޫއުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. ނޮވެމްބަރު 11 ވަނަ ދުވަހަށް އެއާޕޯޓު ހުޅުވަން ކުރިން ޕްލޭންކުރި ނަމަވެސް، މިހާރު އެއާޕޯޓު ހުޅުވާ ދުވަސް ވަނީ ފަސްކޮށްފައެވެ. އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީއިން އަންނަނީ 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ.
އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލްގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިްނެވެ. ޓާމިނަލްގެ އަގު 13.8 މިލިއަން ރުފިޔާއަށް އަރާއިރު އެއާޕޯޓްގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމަށް 198 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
ހޯރަފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.