ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފަށާފައިވާ ކޮޗިން ފެރީގެ ހިދުމަތް ނުހުއްޓޭ ކަމަށާއި، މިހާރުވެސް އެ ހިދުމަތް ކުރިއަށް އެބަ ދާ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އާތިފް މިހެން ވިދާޅުވީ "ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އާތިފް ވިދާޅުވީ ކޮޗިން ފެރީ ހުއްޓިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަހަކަ ދެއްކި ނަމަވެސް ފެރީގެ ހިދުމަތް ނުހުއްޓޭ ކަމަށެވެ. އަދި މިހާރުވެސް ފެރީގެ ހިދުމަތް ކުރިއަށް ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކޮޗިން ފެރީއަކީ ކުޅުދުއްފުއްޓާއި އުތުރުގެ ރައްޔިތުންނަށް ހުޅުވިގެން ދިޔަ ވަރަށް ފަހި ދޮރެއް.
އާތިފް ވިދާޅުވީ ކޮޗިން ފެރީއަކީ ކުޅުދުއްފުށި ހިމެނޭހެން އެ ސަރަހައްދުގެ ރަށްތަކަށް ވެސް ހުޅުވިގެން ދިޔަ ފަހި ދޮރެއް ކަމަށެވެ. އަދި މި ފެރީގެ ފައިދާ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި އަދި ލިބިފައި ނެތް ނަމަވެސް މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަކީ މިވަގުތު ކައުންސިލުން ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮޗިން ފެރީ ކުޅުދުއްފުށި ބަނދަރުގައި --ފޮޓޯ: ކުޅުދުއްފުށި އޮންލައިން
އޭނާ އިތުރަށް ވިދާޅުވީ ކޮޗިން ފެރީގެ ހިދުމަތް އެންމެ ރަނގަޅަށް ބޭނުން ހިފޭނެ ގޮތްތަކެއް އޮޅުންފިލުވައި ދިނުމަށް ބިޒްނަސް ސެންޓަރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެ ފުރުސަތުތައް ހޯދައި ދިނުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް އާތިފް ވިދާޅުވިއެވެ.
އާތިފް އިތުރަށް ވިދާޅުވީ ކޮޗިން ފެރީއާއެކު ތަކެތީގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މުދާ ކޮޗިން ފެރީއިން ގެންނަނީ އެސްޓީއޯއިން ކަން ފާހަގަ ކުރައްވާ އާތިފް ވިދާޅުވީ ސިމެންތި އަދި ޕެރިޝަބަލް މުދާ ވެސް އަގު ހެޔޮކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.