ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް -- ކުޅުދުއްފުށި ލައިވް

ކުޅުދުއްފުށި ސިޓީގައި ކޮވިޑްގެ ހާލަތު އެހާ ބޮޑަށް ގޯސްނުވެ އޮތުމުގެ ސިއްރަކީ ރައްޔިތުން ދެމުންދާ އެއްބާރުލުން ކަމަށް އެ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ، "ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އާތިފް ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރެވިފައި އޮތީ ކަރަންޓީނަށް ދާ މީހުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފު ނުވާތީ ކަން ގަބޫލު ކުރެވޭ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅާފައި ވަނީ މާސްކު އެޅުން މަޖުބޫރު ކުރުމުގެ ފިޔަވަޅުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާތިފް ވިދާޅުވީ ކޮވިޑުގެ ބިރުވެރިކަމަކީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމުގައިވީ ނަމަވެސް އެހެން ސިޓީތަކާ އަޅާބަލާނަމަ ކުޅުދުއްފުށި ސިޓީގައި ބަލި ކޮންޓްރޯލް ކުރެވެމުން ދާ ކަމަށެވެ.

އިންޓަވިއުގައި އޭނާ ވިދާޅުވީކުޅުދުއްފުއްޓަކީ އެކި އެކި ރަށްރަށުގެ ރައްޔިތުން ހިދުމަތް ހޯދަން ޒިޔާރަތް ކުރާ ރަށެއް ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން ގެންދަނީ ރަށްރަށުގެ ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ފެސިލިޓޭޓް ކޮށްދެވޭނެ ގޮތެއް ހޯދަމުން ކަމަށާއި، މިހާރުވެސް ދަތުރު ހުއްދައިގެ ދަށުން އެރަށަށް އަރައި ފޭބޭނެ ކަމަށެވެ. އަދި ދަތުރު ހުއްދައަށް އެދޭ ފަރާތްތަކުގެ ހުއްދަ ބާރު ސްޕީޑުގައި ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުުދުއްފުށި ކައުންސިލުގެ އިތުރުން އެ ސިޓީގެ ހޮސްޕިޓަލުން ވެސް ގެންދަނީ އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަވާނެހެން ކަންތައް ކޮށްދެމުން ކަމަށް އާތިފް ވިދާޅުވިއެވެ. އެގޮތުން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ގާއިމްކޮށްފައި ވާއިރު، ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ބޭސް ނެގޭނެ އިންތިޒާމް ވެސް ވައިބާ މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަން އާތިފް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އާތިފް ވަނީ ކުޅުދުއްފުށީގެ ވިޔަފާރިވެރިން ދެމުންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އެގޮތުން، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ވާނެހެން ކުޅުދުއްފުށީގެ ވިޔަފާރިވެރިން ފަސޭހަތަކެއް ކޮށްދެމުން ދާކަން އާތިފް ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމާއި، މުދާ އުފުލުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދީފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.