ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، އިއްޔެއިން ފެށިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ނިރުބުވެރި ހަމަލާއާ ގުޅިގެން ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުކޮށްފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށެވެ.
މިކަން ދޮގު ކުރަމުން މިއަދު ފުލުހުން ބުނެފައިވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރާކަމަށެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަން ހިންގަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު ރޭ ހައްޔަރުކުރިއެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި، އޮޕަރޭޝަންގައި ތ. ތިމަރަފުށިން ރޭ ވަނީ އިތުރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް އެކު ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވެއެވެ.
މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.