ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަކީ ބަސްމަދު އަމަލު ގިނަ ކެރޭ ލީޑަރެއް ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ބިގޭ ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމެއްގެ ލިންކް ފޭސްބުކްގައި ހިއްސާކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވަނީ ޓިނު ގޮޅީގައި 6 މަސް ދުވަސް، ބޮޑު ގޮޅީގައި ދެ ރޯދަ މަސް އަދި ޖަލުގައި ފަސް އަހަރަށްވުރެ ގިނަ ދުވަސް ބިގޭ ހޭދަކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ބިގޭގެ ޒުވާން އުމުރުގެ އެތައް ދުވަހެއް ގޭބަންދާއި އަރުވާލުމުގައި ހޭދަކުރެއްވި ކަމަށެވެ.

މި ޕްރޮގްރާމްގައި ބިގޭ ވާހަކަ ދެއްކެވީ ދިމާވެފައިވާ މައްސަލައަށް ކަމަށާއި އަދި ވަކި މީހަކު މޮޅުކޮށް ނުވަތަ ދެރަކޮށް ވާހަކަ ދައްކަވާފައިނުވާ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބިގޭގެ ނިންމުންތައް ނިންމުމުގައި އިސްކަން ދެނީ ވަގުތާއި ހާލަތަށް ބަލައި އެވަގުތު ގައުމަށް އެންމެ ފައިދާ ހުރިގޮތަށް ކަމަށް ފާހަގަކުރެއްވި ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

މިކަންކަމަށް އިޝާރާތްކޮށް ފަޒްނާ ވިދާޅުވީ ބިގޭއަކީ ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަވެގެންގޮސްފައިވާ ކަމަށެވެ.

ފަސްޓް ލޭޑީ މިގޮތަށް ވިދާޅުވެފައިމިވަނީ ރައީސް މުހައްމަދު ނަޝީދުގެ ގާތް އެކުވެރިޔެއްގެ ގޮތުގައި ފަހަގަވި، ބިގޭ އާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަތައް ގޯސްވިކަން ތިލަވެފައިވަނިކޮށެވެ.  އެގޮތުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން، ބިގޭ ހިމެނިވަޑައިގަންނަވާ އެ ކޮމިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އޭގެފަހުން ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ގެންދަވީ ބިގޭއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މައްސަލަ ހޫނުވެފައިވަނިކޮށް ބިގޭ ވަނީ މިއަދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދި ދިފާއުކުރައްވާ ބިގޭ ވިދާޅުވީ ހާއްސަކޮށް ރައީސް ނަޝީދަށް ގެއްލުމެއް ވެދާނެފަދަ ކަމެއްވެސް މާރިޔާ ނުކުރައްވާނެ ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.