ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރި މަސައްކަތަކީ ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، ހިންގުމުގެ ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ މަސައްކަތްތެރި، އެފެއްދުންތެރި އަދި ޤައުމަށް ފައިދާހުރި ބަޔަކަށް ވުމަށް ޢަޒުމް ކަނޑައެޅުމަށް ނައިބް ރައީސް އިލްތިމާސްކުރެއްވިއެވެ.

ހަމައެހެންމެ ނައިބް ރައީސް ވަނީ, ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި, އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭ ބިލިއާޑް ހައުސް ހުޅުއްވައި ދެއްވުމަށްފަހު ނައިބް ރައީސް ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އައިމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނާއެކު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.