ރާއްޖޭގެ ކޮންމެ ރަށަކީ ގައުމެއް ނޫން ކަމަށާއި ސަރަހައްދީ ތަރައްގީގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީ ކައުންސިލާއި، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާވަންތަ ގައުމެއް ކަމަށާއި އެހެންކަމުން ސަރަހައްދީ ތަރައްގީގެ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގެ ބޭރުގައި ބައިނަލްއަގްވާމީ ބަނދަރަކާއި އެއާޕޯޓެއް އަޅަން ކޮންމެ ރައްޔިތަކު ވިސްނައިފިނަމަ ޖެހޭނީ ދެ މީދާ ފެހި ބުޅަލުގެ ހާލު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭރުން އެކައްޗެއް ވެސް ހަމަޔަށް ރަނގަޅަށް ލިބިގެން ނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދެކުނުގެ ހަތަރު އަތޮޅުތަކުން އެއް މޭޒެއްގެ ދޮށުގައި ތިބެ މަޝްވަރާކުރުމަށްފަހު ޖިއޯގްރަފިކަލް އޭރިއާއަށް ވިސްނުމަށްފަހު ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގައި ވެސް ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ކަމަށާއި އެހެންކަމުން ދެކުނުގައި އެންމެ ބޮޑު ބައިނަލްއަގްވާމީ އެއާޕޯޓް އޮންނާނީ ކޮންތާކުކަން ނިންމެން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ބޭރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ބަނދަރެއް ހައްދަވަން އެ ރަށްތަކުން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އަންނަ އަހަރުގެ މާޗް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ކައުންސިލްތަކަށް ލިބެންޖެހޭ ގާނޫނީ ބާރުވެރިކަން ލިބިގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޖުމްހޫރީ ތާރީހަށް އަލިއަޅުއްވާލައްވާފައެވެ.