-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީޤުގެ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަށް ފުލުހުން ހާމަކުރަމުންގެންދާކަމަށް ވިދާޅުވެ، މައްސަލައިގެ މައުލޫމާތު ސިއްރުކުރާކަމަށް ދެކެވޭ ވާހަކަތަކަށް ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) ގެ މުޤައްރިރު މުހައްމަދު އަސްލަމް ރައްދުދެއްވައިފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވެސް ބައެއް މެމްބަރުން ވަނީ މައޫމާތު ހާމަނުކުރާކަމަށް ބުނެ، ސަރުކާރަށާއި، ސަލާމާތީ ހިދުމަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ރޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާާސްކުރި ޤަރާރުގައިވެސް އެ ވާހަކަތައް ފާހަގަކޮށް، ރައީސް ނަޝީދުގެ މައްސަލައަށް ފާރަވެރިވުމަށް "މޭ ހައެއް" ކޮމެޓީ ވަނީ އެކުލަވާލާފަ އެވެ.

ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ވާހަކަތަކަށް ރައްދުދެއްވާ އަސްލަމް ވިދާޅުވީ ހިނގަމުންދާ ތަހުޤީޤެއްގެ މައުލޫމާތު ހާމަކުރެވެން އޮންނަނީ ވަކި މިންވަރަކަށް ކަމަށެވެ. އަދި އެ މިންވަރަށް ފުލުހުންވެސް މައުލޫމާތު ހާމަކުރައްވަމުންގެންދަވާކަމަށް އަސްލަމް ވިދާޅުވި އެވެ.

ހިނގަމުންދާ ތަހުޤީޤެއްގެ މައުލޫމާތު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ހުންނާނެ. އެކަން އަޅުގަނޑު ބޭނުންވޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވަން.

އެއަށްފަހު އަސްލަމް ވަނީ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ މެެމްބަރުންނަށްވެސް އެ މައުލޫމާތުތަކާއި، މައުލޫމާތު ހާމަކުރެވޭނެ މިންވަރު އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމެޓީގެ ވަކިވަކި މެމްބަރުންނަށްވެސް ފުލުހުން މައުލޫމާތު ހިއްސާކޮށް، ތަހުޤީޤް އޮތް ހިސާބެއް ހިއްސާކުރަމުންގެންްދާކަމަށް އަސްލަމް ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި އާންމުކުރެވެން އޮތް މިންވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އާންމުކުރަމުން އެބަދޭ. އާންމުކުރެވެން ނެތް މިންވަރަށް 241 ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ މައުލޫމާތު ދެއްވަމުންގެންދަވާ.

އަސްލަމް ވަނީ ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުންނަށް ޔަޤީންކަމެއްވެސް ދެއްވާފަ އެވެ. އެގޮތުން ކޮމެޓީން މައްސަލައިގެ ފުރިހަމަ ތަހުޤީޤެއް ކުރިއަށްގެންގޮސް ނިންމަވާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.