ވެރިކަމާއި މި ސަރުކާރުން ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، “ލޮނުޒިޔާރަތް ޕާކު” ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޕާކު ހުޅުވުމަކީ ހިތްފަސޭހަ މާހައުލެއް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމަށެވެ. މާލެ ފަދަ ކުޑަ ރަށެއްގައި ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، ޢާންމު ޞިއްޙަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ނޭދެވޭ އަސަރުތައް ފޯރާ ކަމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، ޢާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅެވޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމަށެވެ.

މީގެއިތުރުންވެސް، މާލެއަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރެއިން، މާލެއަށް އުފަން ރައްޔިތުންނަށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ޙައްލެކެވެ. އަންނަ އަހަރައް ކަނޑައެޅި މަޝްރޫއުތަކުގެ ތެރޭގައި އެކަން ހިމެނާފައިވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ މިހާލަތުގައި ޕާކުތައް ބޭނުންކުރައްވާ ބޭފުޅުން ވީވަރަކުން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ވާހަކަކޮޅު ނިންމަވާލެއްވުމުގެ ކުރިން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު, މާލޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި, އެ މަނިކުފާނަށް ޝުކުރު އަދާކުރައްވިއެވެ.

މިއަދު ލޮނުޒިޔާރަތް ޕާކުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ޕާކު ހުޅުއްވައިދެއްވީ ކުރީގެ ހައުސިންގ މިނިސްޓަރ އުމަރު ޒާހިރެވެ. ރައީސްގެ އިތުރުން، ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

'ލޮނުޒިޔާރަތް ޕާކު' ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ލޮނުޒިޔާރަތް ޕާކު ހަދާފައިވަނީ ދުވާ މީހުންނަށް ހާއްސަ ލޭނެއް، ބައިސްކަލު ދުއްވުމަށް ހާއްސަ ލޭނެއް އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހަކަމާއެކު ޕާކު ބަލާލުމުގެ ފުރުސަތު ފަހިވާ ގޮތަށެވެ. މި ޕާކުގައި ޕޮންޑެއްގެ އިތުރުން ކުޑަ ބްރިޖެއް އަދި އުސްފަސްގަނޑެއް ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ނެތެމުންދާ އެތައް ބާވަތެއްގެ ގަސްތައްވެސް ޕާކުގައި ހުންނާނެކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުވަނީ ވިދާޅުވެފައެވެ. ކޮންމެ ގަހެއްގެވެސް ސައިންޓިފިކް ނަން އަދި ދިވެހި ނަންވެސް ލިޔެފައިވާނެކަމަށް ވިދާޅުވިއެވެ. މި ޕާކުގައި މީހުން އިށީނދެ އިނުމަށް 300 އަށްވުރެ ގިނަ ބެންޗުވެސް ހުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.