ނިމިދިޔަ މޭ މަހު މީރާއަށް 783.88 މިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާގެ މަންތްލީ ރެވެނިއު ކަލެކްޝަން ރިޕޯޓުން ދައްކައިފިއެވެ.
މީރާއިން ބުނީ, މޭ މަހު ލިބުނު އާމްދަނީ އަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 283.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި، މޭ މަހު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ 16.7 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މޭ 2020 ބޯޑަރު ބަންދު ކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމާހެދި ލިބުނު އާމްދަނީ ދަށްވުމެވެ.
މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި އިންކަމް ޓެކްސް، ޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. ހަމައެއާއެކު ކޮވިޑް-19ގެ ސަބަބުން ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، މޭ މަހުގެ ތެރޭގައި އައިސްފައިވާ ސުންގަޑިތަކެއް ފަސްކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މޭ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 63.3 އިންސައްތަ ނުވަތަ 496.19 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއީ 6.7 އިންސައްތަ ނުވަތަ 52.68 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ، ވަރކް ޕަރމިޓް ފީގެ ގޮތުގައި 29.32 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ ހިމެނެއެވެ.
މިދިޔަ މޭ މަހު ބަލައިގަނެފައވާ 783.88 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.