24 އޭޕްރީލް 2021 - އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މުންޝިދު / އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީޤަށް ފާރަވެރިވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "މޭ ހައެއް ކޮމެޓީ" އުފައްދައިފި އެވެ.

"މޭ ހައެއް ކޮމެޓީ" އުފައްދަން ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ. ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން 100 މެންބަރުން ވޯޓް ދެއްވިއެވެ. 8 މެންބަރަކު ވޯޓް ނުދެއްވާ ތިއްބެވިއެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ.

ކޮމެޓީގައި ފަސް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މެމްބަރަކާއި، ވިލުފުށީ ދާއރާގެ މެންބަރު ހަސަން އަފީފް އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ.

ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި އެޔާއެކު ސަލާމަތީ ހިދުމަތްތަކުގެ މަސައްކަތްތައް ހުރިގޮތަށްވެސް ގިނަ މެމްބަރުން ފާޑުވިދާޅުވެފައިވެއެވެ. އޭގެއިތުރަށް ތަހުޤީީޤް ކުރިއަށްދާ ސްޕީޑާއި ގުޅޭގޮތުންވެސް ގިނަ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅި ގަރާރުގައި ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓަ ހަމަލާ ހިންގި ގޮތާއި، ހިންގުވި މީހުންނާއި މިކަމަށް ފަންޑު ކުރި މީހުންނާއި އެކި ގޮތްގޮތުން މި ހަމަލާއަށް ހިތްވަރު ދިން މީހުން ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެނައުން ދިގުލައިގެންފައިވާ ކަމަށެވެ.

އެ ގަރާރުގައި ބުނީ ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ އެމްޑީޕީގެ މަސްއޫލިއްޔަތެއް ކަމަށާއި، އެއީ އަހްލާގީ ގޮތުން ވެސް އެ ޕާޓީއަށް ކުރިމަތިވެފައިވާ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އިންސާފު ލިބުން ލަސްވުމަކީ އިންސާފުން މަހުރޫމް ކުރުން ކަމަށް ވެސް އެ ގަރާރުގައި ބުނެއެވެ.

ވައްޑެގެ ގަރާރުގައި ބުނީ ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ސެކިއުރިޓީ ބްރީޗެއް ހިނގައިގެން ކަމަށާއި، މި ހަމަލާގެ ތަހުގީގު ހިނގާގޮތާއި އޭގެ ނަތީޖާ އަންނަ ގޮތަކީ މުސްތަގުބަލުގައި ހިނގާފާނެ މިފަދަ ހަމަލާތަކެއްގެ ތަހުގީގަށް ވެދާނެ ގޮތާއި ގުޅިފައިވާ ކަމަށެވެ. އެހެންކަމުން މި މި ތަހުގީގު އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުން ގަބޫލު ކުރާ މިންވަރަކަށް ކުރިއަށްދާކަން ޔަގީން ކުރަން ޖެހޭ ކަމަށާއި ރައީސް ނަޝީދަށް އިންސާފު ލިބެންދެން ދޫނުކޮށް ދެމި ތިބެން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.