ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ސިއްހީ ހިދުމަތް ހޯދަން މާލެ އަންނަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނަންނަ މަސައްކަތްކުރި ހަމައެކަނި ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރި ޓްވީޓެއްގައި ވިސާމް ވަނީ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަރައްގީކުރުމަށް މި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއާއެކު މިހާރު ވެސް ސިއްޚީ ދާއިރާއަށް އިންގިލާބީ ބަދަލެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މާލެއަށް ބޭސްފަރުވާއަށް އަންނަން ޖެހިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ބޮޑު ހޭދައެއްކުރަމުންދާ ކަމަށް ވިސާމް ފާހަގަކުރެއްވިއެވެ.
ވިސާމް މިހެން ވިދާޅުވެފައިވާއިރު ގަމަކީ ރައީސް ސޯލިހުގެ ސަރުކާރުން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރަމުން އަންނަ ރަށެކެވެ. މީގެއިިތުރުން މި ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ގދ. ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.
މިއަދު ޖުމްހޫރީ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ ޚިތާބުގައި ރައީސް ވަނީ މި ފަސް ހޮސްޕިޓަލުގެ ފައިދާ އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.