ކޮވިޑް މަރުތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ހެލްތް ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގެ ތެރޭގައި، އޭޕްރީލް 28 އިން ފެށިގެން ޖޫން 5 އާ ހަމައަށް ކޮވިޑްގައި މަރުވި މީހުންގެ އުމުރާއި ޖިންސު ހިމެނެ އެވެ. އަދި ވެކްސިނޭޝަން މައުލޫމަތުތަކާއި، ދާއިމީ ގޮތެއްގައި ބޭސް ކުރާ އެހެނިހެން ބަލިތައް ވެސް ހިމެނެ އެވެ.

މި މުއްދަތުގައި 40 އަހަރުން ދަށުގެ 8 މީހަކާއި، 40 އަހަރާއި 64 އަހަރާ ދެމެދުގެ 35 މީހަކާއި، 65 އަހަރާއި 80 އަހަރާއި ދެމެދުގެ 37 މީހެއްގެ އިތުރުން 80 އަހަރުން މަތީގެ 31 މީހަކު މަރުވެފައިވެއެވެ. އެއީ 60 އިންސައްތަ ފިރިހެނުންނާއި 40 އިްނސައްތަ އަންހެނުންނެވެ.

28 އޭޕްރީލް އާއި ޖޫން 5 އާ ދެމެދު ކޮވިޑްގައި މަރުވި މީހުންގެ އުމުރުފުރާ

މި މުއްދަތުގައި މަރުވި މީހުންގެ ވެކްސިނޭޝަން މައުލޫމާތުތަކަށް ބަލާލާއިރު، ވެކްސިންގެ ދެ ޑޯޡް ފުރިހަމަ ކޮށްފައި ވަނިކޮށް ކޮވިޑްގައި މަރުވީ 8 މީހެކެވެ. ފުރަތަމަ ޑޯޒް ފުރިހަމަ ކުރިފަހުން 24 މީހަކު ކޮވިޑުގައި މަރުވިއިރު، ވެކްސިންގެ އެންމެ ޑޯޒް އެއްވެސް ފުރިހަމަ ނުކުރާ 68 މީހަކު ވަނީ މަރުވެފައެވެ.

ފުރަތަމަ ޑޯޒް ޖެހި ކަމަށް ބަލަނީ، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސްފަހުން ޕޮޒިޓިވް ވުމުންނެވެ. ދެވަނަ ޑޯޒް ފުރިހަމަ ކުރި ކަމަށް ބަލަނީ، ވެކްސިންގެ ދެ ޑޯޡް ފުރިހަމަ ކުރާތާ 14 ދުވަސްފަހުން ޕޮޒިޓިވް ވުމުންނެވެ.

28 އޭޕްރީލް އާއި ޖޫން 5 އާ ދެމެދު ކޮވިޑްގައި މަރުވި މީހުންގެ ވެކްސިނޭޝަން މައުލޫމާތު

އޭޕްރީލް 28 އިން ޖޫން 5 އާ ހަމައަށް ކޮވިޑްގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންގެ ކިބައިގައި ދާއިމީ ގިނަ ބަލިތަކެއް ހުރިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، ހައިޕާޓެންޝަން، ހަކުރު ބަލި، ހިތުގެ ބަލި، އޮބޭސިޓީ، ލިވާގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް، ކެންސަރު، ކިޑްނީ ބަލިތައް، ސްޓްރޯކް އަދި އިމުއުނިސަޕްރެސެންޓްސް ހިމެނެއެވެ.

މި މުއްދަތުގައި ޖުމްލަ 111 މީހަކު ކޮވިޑްގައި މަރުވެފައި ވާއިރު، 18.9 އިންސައްތަ މީހުންގެ ކިބައިގައި ދިގު މުއްދަތަކަށް ބޭސްކުރާ ބައްޔެއް ނެތްކަން ފާހަގަ ކުރެވެއެވެ.

28 އޭޕްރީލް އާއި ޖޫން 5 އާ ދެމެދު ކޮވިޑްގައި މަރުވި މީހުންގެ ކިބަިއގައިން ދާއިމީ ބަލިތައް ހުރި މިންވަރު

އޭގެތެރެއިން 3.6 އިންސައްތަ މީހުންނަކީ ދިގު މުއްދަތަށް ބޭސް ކުރާ 5 ބައްޔެއް ހުރި މީހުންނެވެ. 8.1 އިންސައްތަ މީހުންނަކީ ދިގު މުއްދަތަށް ބޭސް ކުރާ 4 ބައްޔެއް ހުރި މީހުން ކަމަށް ވައިރު 20.7 އިންސައްތަ މީހުންނަކީ އެފަދަ 3 ބައްޔެއް ހުރި މީހުންނެވެ. ހަމައެއާއެކު، 27.9 އިންސައްތަ މީހުންގެ ކިބައިގައި ދިގު މުއްދަތަށް ބޭސް ކުރާ ދެ ބައްޔެއް ހުރި އިރު، 19.8 އިންސައްތަ މީހުންގެ ކިބައިގައި ދިގު މުއްދަތަށް ބޭސްކުރާ އެއް ބަލި ހުރެއެވެ.

މި 111 މީހުންގެ ތެރެއިން އެންމެ ގިނައީ ހައިޕާޓެންޝަނަށް ބޭސް ކުރާ މީހުންނެވެ. އެގޮތުން 56.8 އިންސައްތަ މީހުންނަކީ ހައިޕާ ޓެންޝަނަށް ބޭސް ކުރާ މީހުންނެވެ. އަދި 38.7 އިންސައްތަ މީހުންނަކީ ހަކުރު ބައްޔަށް ބޭސްކުރާ މީހުންކަން ފާހަގަ ކޮށްލެވެއެވެ.

28 އޭޕްރީލް އާއި ޖޫން 5 އާ ދެމެދު ކޮވިޑްގައި މަރުވި މީހުންގެ ކިބައިގައިން ހުރި ދާއިމީ ބަލިތައް

މި މުއްދަތުގައި މަރުވި 27.9 އިންސައްތަ މީހުންނަށް ސްޓްރޯކެއް ޖެހިފައި ވާއިރު، 22.5 މީހުންގެ ކިބައިގައި ހިތުގެ ބަލިތައް، 18.9 އިންސައްތަ މީހުންގެ ކިބައިގައި ކިޑްނީ ބަލިތައް ހުރި ކަމަށް އެޗްޕީއޭއިން ހިއްސާކުރި މައުލޫމަތުތަކުގައި ވެއެވެ. އަދި 13.5 އިންސައްތަ މީހުންނަކީ އެނދުމަތިވެފައިވާ މީހުން ކަމަށް ވާއިރު، 8.1 އިންސައްތަ މީހުންގެ ކިބައިގައި ފުއްޕާމޭގެ ބަލިތައް، 6.3 އިންސައްތަ މީހުންގެ ކިބައިގައި ޑިމެންޝިއާ ހުރިއިރު 6.3 އިންސައްތަ މީހުން ތިބީ އިމިއުނޮޕްރެސެންޓްގައި ކަމަށް އެ މައުލޫމާތުން ހާމަ ވެއެވެ.

ހަމައެއާއެކު 3.6 އިންސައްތަ މީހުންގެ ކިބައިގައި ލިވާގެ ބަލިތައް ހުރިއިރު ހަމަ އެ އިންސައްތަ މީހުންނަކީ ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.