ބަހްރެއިންގެ ޕްރައިމް މިނިސްޓަރ ޝޭހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރެވެއްޖެކަމަށް ބަހްރެއިންގެ ސަރުކާރުން އިއުލާންކޮށްފިއެވެ.
އުމުރުފުޅުން 84 އަހަރުގެ ޕްރައިމް މިނިސްޓަރ އަވަހާރަވީ މިއަދުގެ ވަގުތެއްގެއަވެ. އެ މަނިކުފާނު އަވާހަރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައެވެ. ބަހްރެއިންގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ޝޭހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ ފަސްދާނަވެޑުވުން އޮންނާނީ ހަށިގަނޑު ބަހްރެއިންއަށް ގެނައުމަށްފަހު، ވަރަށް މަދު އަދަދެއްގެ ބަޔަކަށް އެކަނި ބައިވެރިވެވޭގޮތަށެވެ.
ޝޭހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ ބަހްރެއިންގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 1970ވަނަ އަހަރުއެވެ. އެއީ އެ ގައުމަށް މިނިވަންކަން ލިބުމުގެ 1 އަހަރު ކުރިންނެވެ. އެމަނިކުފާނު އަވަހާރަވުމުގެ ކުރިން އެމަނިކުފާނަކީ ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ދިގުމުއްދަތަކަށް ބޮޑު ވަޒީރުކަން ކުރައްވާފައިވާ ބޭފުޅާއެވެ.