ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން ބުނެފައިވާގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅިގެން އެކަންތައްތައް ހައްލުކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމާއި ގުޅިގެން ހުރި ކަންތައްތައްވެސް އަންނަނީ ރަނގަޅުކުރަމުންނެވެ.
އެގޮތުން އެޗްއެމްއެފްއަށް އަށް އެޗްއާރުސީއެމްގެ ފަރާތުން ޓީމެއް މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު ޒިޔާރަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިޓީމުގެ ފަރާތުން އެޗްއެމްއެފްގައި ހުރި އެކި މައްސަލަތައް ދެނެގަނެ ފާހަގަކޮށްފައިވާ ކަމަށް ބުނެއެވެ. އެގޮތުން ތަނުގައި ހުރި މައްސަލަތަކުގެ އިތުރުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހުރި މައްސަލަތައް ވަނީ ރަނގަޅު ކުރުމަށް އަންގާފައެވެ.
ރަނގަޅު ކުރުމަށް އަންގާފައިވާ މައްސަލަތައް ހައްލެއް އައިސްފައިވޭތޯ ބެލުމަށް ހެލްތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި އެޗްއެމްއެފްގެ އިތުރުން އައިޖީއެމްއެޗްއާއިއެކު އިއްޔަ ބައްދަލުވުމެއްވަނީ ބާއްވާފައެވެ. މިބައްދަލުވުމަށްފަހު އެޗްއާރުސީއެމްއިން ކޮށްފައިވާ ޓްވީޓެއްްގައި އެޗްއެމްއެފްއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
Comission in 2021 may 25gai HMF ah kuri ziyaaraathah fahu idhaaraathakah husha halhaafaivaa kankan furihamavefaivaa minvaru saafu kurumah MoH, IGMH, HMF adhi Ministry of Islamic Affairs aaeku miadhu vanee bahdhaluvumeh baavvaafai.
1/4— HRC of the Maldives (@hrcmv) June 10, 2021
އެގޮތުން މި ބައްދަލުވުމުގައި އެޗްއެމްއެފްއަށް ގެނެވިފައިވާ ބޮޑެތި ބަދަުތަކާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި މައިގަނޑު 3 ކަމެއް ފާހަގަކުރެވިފައިވާ ކަމަށް އެޗްއެމްއެފްއިން ބުނެފައިވެއެވެ. އޭގެތެރޭގައި:
- އެޗްއެމްފްގައި ބަލި މީހުންނަށް ފަރުވާ ދިނުމުގަޔާއި ބަލި މީހުންނަށް އަޅާލުމުގައި ހަރަކާތްތެރިވާ ސްޓާފުންގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
- ސްޓާފުން އިތުރުކުރެވުމާއެކު ބަލި މީހުންގެ ހާލު ކައިރިން ބަލަމުން އާދެވޭކަމާއި ބަލިމީހުންނަށް ބޭނުންވާ އެގހީތެރިކަން ގާތުން ފޯރުކޮށްދެވެމުން އަންނަކަން ފާހަގަކުރެއެވެ.
- ބަލިމީހުން ފެސިލިޓީއަށް ގެނެވުމުގެ ކުރިންވެސް ސިއްހީ ހިދުމަތް ދޭ އިތުރުމަރުކަޒުތަކުގައި ބަލިމީހުން ޓްރައިއޭޖް ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި މައްސަލަތަކާއި ބަލިމީހުންނަށް ފަރުވާ ދިނުމުގެ ޗޭނު ވަރުގަދަކޮށް ރަނގަޅު ފެންވަރެއްގައި އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށްޓަކައި އަދިވެސް އިތުރު ކަންތައްތައް ކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމްގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ބާރު ދުވެއްޔެއްގައި ކޮވިޑް ފެތުރެމުން އައުމުގެ ސަބަބުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބާރު ބޮޑުވެ ސިއްހީ ހިދުމަތްތެރިންނަށް ބާރުބޮޑުވިއެވެ. މީގެ ސަބަބުން ބަލި މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުނުކޯށްދެވޭ ވާހަކަތައް ފެންމަތިވާން ފެށިއެވެ. މިކަމާއި ގުޅިގެން ސަރުކާރުން އަންނަނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.