ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ 52 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ. މިއަދުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށް އަރިސްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިހުގެ ހިތާބުން ރައްޔިތުންގެ އުންމީދުތައް އާވެއްޖެކަމަށެވެ. 

އަދިވެސް ވިދާޅުވީ، މާތްﷲގެ އިރާދަފުޅުން ރަނުން ރަނަށް ވައުދުތައް ފުދޭނެކަމަށެވެ. އެކަމަށްޓަކައި މަޖިލިސް ރައީސްވަނީ ރައީސް ޞާލިހުއަށް ޝުކުރުއަދާކޮށްފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ހެނދުނު ދެއްވި ހިތާބުގައިވަނީ ގިނަ ކަންތައްތަކަކަށް އަލިއަޅުއްވާފައެވެ. އެގޮތުން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކޮށްފައިވެއެވެ. އަދި، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫޢުތަކަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށާއި އަދި އަލަށް ތަޢާރަފްކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

އަދި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަން ދިނުމަށް ރައީސް ސޯލިހު ގޮވާލެއްވެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.