24 އެޕްރީލް 2021 - އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ: މުންޝިދު/އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ކަންކަން ބަލަން "#މޭހަޔެއް ކޮމިޓީ"ގެ ނަމުގައި އެމްޑީޕީން ކޮމިޓީއެއް އުފައްދަން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.

އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅި ގަރާރުގައި ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓަ ހަމަލާ ހިންގި ގޮތާއި، ހިންގުވި މީހުންނާއި މިކަމަށް ފަންޑު ކުރި މީހުންނާއި އެކި ގޮތްގޮތުން މި ހަމަލާއަށް ހިތްވަރު ދިން މީހުން ހޯދާ ގާނޫނުގެ ކުރިމައްޗަށް ގެނައުން ދިގުލައިގެންފައިވާ ކަމަށެވެ.

އެ ގަރާރުގައި ބުނީ ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ އެމްޑީޕީގެ މަސްއޫލިއްޔަތެއް ކަމަށާއި، އެއީ އަހްލާގީ ގޮތުން ވެސް އެ ޕާޓީއަށް ކުރިމަތިވެފައިވާ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އިންސާފު ލިބުން ލަސްވުމަކީ އިންސާފުން މަހުރޫމް ކުރުން ކަމަށް ވެސް އެ ގަރާރުގައި ބުނެއެވެ.

ވައްޑެގެ ގަރާރުގައި ބުނީ ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ސެކިއުރިޓީ ބްރީޗެއް ހިނގައިގެން ކަމަށާއި، މި ހަމަލާގެ ތަހުގީގު ހިނގާގޮތާއި އޭގެ ނަތީޖާ އަންނަ ގޮތަކީ މުސްތަގުބަލުގައި ހިނގާފާނެ މިފަދަ ހަމަލާތަކެއްގެ ތަހުގީގަށް ވެދާނެ ގޮތާއި ގުޅިފައިވާ ކަމަށެވެ. އެހެންކަމުން މި މި ތަހުގީގު އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުން ގަބޫލު ކުރާ މިންވަރަކަށް ކުރިއަށްދާކަން ޔަގީން ކުރަން ޖެހޭ ކަމަށާއި ރައީސް ނަޝީދަށް އިންސާފު ލިބެންދެން ދޫނުކޮށް ދެމި ތިބެން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވާން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މި ހަމަލާގެ ތަހުގީގުތަކާއި އަޅާ ފިޔަވަޅުތައް އަދި ކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ގާތުން ބަލާ ފާރަވެރިވުން ހިމެނެއެވެ. އަދި މި ހަމަލާގެ ތަހުގީގަކީ ރާއްޖޭގެ ގާނޫނީ ހުކޫމަތު ނެގެހެއްޓޭ މިންވަރު ވަކަރަށް ޖަހާލެވިގެންދާ ފަދަ ސީރިއަސް ހަމަލާއެއް ކަމަށް ވާތީ މި ހަމަލާގެ ހަފަރާތް ނުހޯދިއްޖެނަމަ ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެން ދާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް ހުށަހަޅާފައިވެއެވެ.

ހަމައެއާއެކު، ރައީސް ނަޝީދަށް އިންސާފު ގާއިމްވުމަށް ހުރިހާ ކެނޑިނޭޅި ގޮވާލަމުން ދިއުމާއެކު މިކަމުގައި ފާރަވެރިވާނެ އެމްޑީޕީގެ ހާއްސަ ކޮމިޓީއެއް، #މޭހަޔެއް ކޮމިޓީގެ ނަމުގައި އުފެއްދުމުގެ އިތުރުން ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަ ކުރަމުން ގެންދިއުމަށް ވެސް ހުށަހަޅާފައި ވެއެވެ. މި ކޮމިޓީގައި ހިމެނެނީ ރައީސް ނަޝީދު ކަނޑައަޅުއްވާ މެންބަރަކާއި، ހަސަން އަފީފާއި، މޫސާ ސިރާޖާއި، އިބްރާހިމް މުއިއްޒުގެ އިތުރުން އަމީން ފައިސަލްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.