އަދި މިހާތަނަށް ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައި ވަނީ ނިމިދިޔަ މޭ މަހުއެވެ. ޖުމްލަ 34561 މީހަކު ޕޮޒިޓިވް ވިއިރު، ބަލީގައި 88 މީހަކު މަރުވިއެވެ. ނަފްސާނީ ގޮތުން އެތައް ބަޔަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައިރު، "ނިއު ލޮކްޑައުން" އަކަށް ދާން ޖެހުނީ ބަލި ކޮންޓްރޯލް ކުރާނެ އިތުރު ގޮތެއް ނެތިއެވެ.
ގިނަ ދުވަހު ގޭތެރޭގައި ބަންދުވެ، ހާސްކަމެއްގެ ތެރޭގައި އުޅެމުންދާ ރައްޔިތުންނަށް މިއަދު މިއޮތީ އުފާވެރި ހަބަރެކެވެ. ގޭގައި މަޑުކޮށްލައިގެން ތިޔަ ކުރަމުންދަނީ ބޭކާރު މަސައްކަތެއް ނޫނެވެ. އެކަން ކޭސްތަކުގެ އަދަދުތަކުން ވެސް މިދަނީ ހާމަ ވަމުންނެވެ. މަޑުމަޑުން ކޭސްތައް ދަށްވަމުން ދާ މަންޒަރު ފެންނަމުން އެބަ ދެއެވެ.
ފާއިތުވި 4 ހަފްތާގައި ކޭސްތައް ރިޕޯޓް ކުރި ގޮތަށް ބަލާލާއިރު 1000 އިން ކޭސް ރިޕޯޓް ކުރަމުން ގޮސް ކޭސްތަކުގެ އަދަދު 1693 އަށް އަރާފައި ވެއެވެ. ހަތަރު ނަންބަރުގެ މި ބޮޑެތި އަދަދުތައް ދަށްވާން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށުމާއެކުއެވެ. އެގޮތުން، މޭ މަސް ނިމުމަކާ ހަމައަށް އައި އިރު ނަންބަރުތައް ހާހުން ދަށްވެއްޖެއެވެ.

މޭ 13 އިން 8 ޖޫން އާ ހަމައަށް ކޮވިޑް ކޭސްތައް ރިޕޯޓް ކުރި ގޮތް
މަޑުމަޑުން ތިރި ވަމުން އައިސް މިހާރު ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް މިހާރު ހުރީ 200ގައި ހިފެހެއްޓިފައެވެ.
ޕޮޒިޓިވްވާ މީހުން އިތުރުވުމާއެކު އެންމެ ބިރު ބޮޑުވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. އެއީ ރާއްޖޭގައި ސިއްހީ ފަރުވާ ދޭނެ އެނދުތައް ހުރި ނަމަވެސް އެކަށީގެންވާ އިންސާނީ ވަސީލަތްތައް ނެތުމުންނެވެ.
ފާއިތު 3 ހަފްތާއަށް ބަލާލައިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދު 270 އާ ހަމައަށް މައްޗަށް އަރައިގެން ދިއުމަށްފަހު މިވަނީ މަޑުމަޑުން ދަށަށް ދާން ފަށާފައިވާ މަންޒަރެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނި 130 އަށް ވެއްޓިފައެވެ.

މޭ 19 އިން ޖޫން 8 އާ ހަމައަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދުތައް
ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދާ އަދަދާއި އަޅާބަލާއިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަށްކަން ފާހަގަ ކުރެވެއެވެ.
ކޭސްތަށް ދަށްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ދަށްވެ، މަރުވާ މީހުންގެ އަދަދުވެސް ދަށްވެފައި މިވަނީ ގިނަ ބައެއްގެ މަސައްކަތުންނެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާ، ބޭކާރު ގޮތުގައި ބޭރުތެރޭގައި ނޫޅުމުގެ ނަތީޖާއެވެ. 200ގެ އަދަދުތަކުގައި ކޭސްތައް ހިފެހެއްޓިފައި ވާއިރު، އަދި ކުޑަކުޑަ ހިތްވަރަކުން މި އަދަދު އަދިވެސް ދަށް ކުރެވޭނެއެވެ.