ސަރުކާރަށް ދެ އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ސަރުކާރެއް ހަވާލުވާން ޖެހެނީ ނޮވެމްބަރު މަހުގައި ކަމަށާއި އޭގެ ސަބަބުން ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު ފާސް ކުރުމުގެ ކަންކަން ކުރަނީ ކުރީ ސަރުކާރުން ކަމަށެވެ. އެހެންކަމުން އަލަށް އަންނަ ސަރުކާރުން އެ ބަޖެޓަށް މާ ބޮޑު ބަދަލެއް ގެނައުމުގެ ފުރުސަތެއް ނޯންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއަސް ފަހު ދެން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށާއި ވެރިކަމުގައި ތިބޭ ބަޔަކަށް މަޖިލިސް މެޖޯރިޓީ މުހިންމުވާތީ ސަރުކާރުގެ މުޅި ފޯކަސް އެ އިންތިހާބަށް އެނބުރިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކެމްޕެއިން ނިމި މަޖިލިސްއަށް ހޮވި މަސައްކަތް ފެށޭއިރު އެ އަހަރުގެ ވެސް މެދަކާ ހަމަޔަށް ދާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ މުއްދަތުގައި އެއްވެސް ސަރުކާރަކަށް މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކެމްޕެއިން ނިމި މަޖިލިސް ހޮވި ފަށައިގަނެވެނީ މެއި މަހު. އެހާ ހިސާބަށް ދާއިރު އަދި ސަރުކާރުގެ ވެފައިވާ ވައުދުތައް ފުއްދުމުގެ މާ ބޮޑު މަސައްކަތެއް ނުކުރެވޭ. އެއީ ކޮންމެ ސަރުކާރަކަށް ވެސް ދިމާވާ ކަމެއް. ކޮންމެ ސަރުކާރުގެ ފުރަތަމަ އަހަރު ލަސްވާ ކަމަށް ރައްޔިތުންނަށް ފެނޭ،" ރައީސް ވިދާޅުވި އެވެ. 

މިހެން އޮއްވާ މި އަހަރު ކޮވިޑް-19 އާ ގުޅިގެން ހުރިހާ ކަމެއް ހުއްޓިގެން ދިޔަ ކަމަށާއި މިދިޔަ ހަ މަސް ނުވަތަ ހަތް މަސް ދިޔައީ ކޮވީޑް-19 އިން ސަލާމަތްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެން ނަމަވެސް ވެރިކަމުގައި މިހާތަނަށް މަސައްކަތް ކުރެވުނު މުއްދަތުގައި ކުރެވިފައި ހުރި މަސައްކަތައް ބަލާއިރު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މި ލިބުނީ ދޮޅު އަހަރެއްހާ ދުވަސް. އެ ދޮޅު އަހަރު ތެރޭގައި ކުރެވިފަ ހުރި މަސައްކަތްތަކަށް ބަލާއިރު އަޅުގަނޑު ހިތްހަމަޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ތެރޭ އެންމެ ފަހަގަކޮށްލެވޭ މަސައްކަތަކަށް ކުރެވުނީ މީހުން ބިނާ ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމާއި ސްކޮލާޝިޕްތަކަށް ދަރިވަރުންނަށް ލުއި ލޯނު ދޫކުރަން ފެށުނު މަސައްކަތަކީ އެންމެ މުހިންމު ކަންތައް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ތަރައްގީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުން،" ރައީސް ވިދާޅުވި އެވެ.

އެންމެ ފާހަގަކޮށްލެވޭ ދެވަނަ މަސައްކަތަކީ ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އެގޮތުން ފަސް ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީކޮށް ސިއްހީ ދާއިރާ ލާމަރުކަޒު ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން މާލެއަށް އެއްވުން މަދުވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.