މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް | ފޮޓޯ: ޔޫތު މިނިސްޓްރީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލައިގައި ކަތިލާ ގުރުބާނީ ކަންބަޅިއަކީ އޭނާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް ފޮނުވާފައި ވަނީ އިއްޔެއެވެ. މަހްލޫފް މައްޗަށް ދައުވާކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕްރޮގްރެސިިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަން އެނގޭ ކަމަށް ބުނެއެވެ.

މިއަދު ކުރެއްވި ޓްވީޓްތަކެއްގައި މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިކަން ކުރަމުންދާ ހަމައެކަނި ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް މަގާމުގައި ބަގުޑި ބައްދައިގެން ހުންނަން ނޫޅުއްވާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ވެސް ގޯސް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެސްއީޒެޑްގެ ބިލަށް ވޯޓު ދިން އިރު ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ވޯޓު ދީފައިވަނީ ޕީޕީއެމްގެ ތްރީ ލައިން ވިޕާއި އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ

އޭސީސީއަށް އަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި މީގެކުރިން ދައުވާ އުފުލި އެންމެންގެ ވެސް މައްސަލަތައް ފޮނުވާފައި ވަނީ އެ ކޮމިޝަނުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ހެކީގޮތުގައި ހޯދާފައިވާ ބަޔަނާއި ތަކެއްޗަކީ ސީދާ ރާއްޖެ އާއި ލަންކާގެ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެކި ކަމަށާއި މިވަގުތު އެކަމުގެ ތަފްސީލަށް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް.

ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ސުވާލު އުފައްދަވާފައެވެ.

ޤާނޫނާއި ގަވާއިދުގެ ތެރެއިން އަދި ކޮމިޝަނާއި، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން "އަމިއްލައަށް" ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެންމެ ދުވަހަކުވެސް މަގާމުގަ ދެމިނުހުންނަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމޭނެކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމަންދެން ރައީސް ވަނީ މަހްލޫފް މަގާމުން އެކަހެރިކުރައްވާފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.