މިދިޔަ ދެ އަހަރުގެ ތެރޭގައި އެންމެ ބޭނުންވި ގޮތައް ކުރިޔަށް ނުގެންދެވުނީ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކާއި މަރުތައް ތަހުގީގު ކުރާ ކޮމިޝަނާއި ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަންގެ މަސައްކަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ސަބަބުތަކާ ހެދި ބޭނުންވި ސްޕީޑުގައި ބޭނުންވި ގޮތައް ބައެއް މަސައްކަތް ނުކުރެވި ހުރި ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އެމަނިކުފާނު އެކުލަވައިލި ދެ ކޮމިޝަންގެ މަސައްކަތް ކަމަށެވެ. އެގޮތުން ވާނުވާއެއް ނޭނގި ގެއްލިފައިވާ ތިބި މީހުންނާއި މަރާލެވިފައި ތިބި މީހުންގެ ހަގީގަތް ހޯދާ ކޮމިޝަނާއި ހާއްސަކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަންގެ މަސައްކަތަކާީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކާ ގުޅިފައިވާ ދެ ކޮމިޝަން ކަމަށް ރައީސް ވިދާޅުވި އެވެ.  

އެހެން ނަމަވެސް އެ މަސައްކަތް ހީކުރި ސްޕީޑަކު ނުގެންދެވޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރުމަށް ހުރި ދަތިތައް އެނގިވަޑައިގެންނެވީ އެ މަސައްކަތް ފެށުމުން ކަމަށާއި އެ މައްސަލަތަކުގެ އަޑިއަށް ވާސިލުވުމަށްޓަކައި ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތް ހުރިކަން ފާހަގަ ކުރެވުުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"ކޮމިޝަނުން އަޅުގަނޑަށް ލިބެމުންދާ އަޕްޑޭޓުތަކަށް ބަލާއިރު ދަތި އުނދަގޫ މަސައްކަތެއް. އެހެން ނަމަވެސް އޭގެ ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ވަަރަށް އަދި ހާއްސަކޮށް އަޅުގަނޑުމެން މިކިޔާ މަރު ކޮމިޝަންގެ މަސައްކަތްތަކާ ގުޅިފައި ހުރި އާއިލާތަކުގެ ކަންބޮޑުވުންތައް އެއީ ހަމަ ވަރަށް ބޮޑު އަޅުގަނޑަށް އުނދަގޫވާ ކަމެއް އެހެން ނަމަވެސް ވަރަށް ކައިރިން ބަލަމުން ހަލުވި ކުރަމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް މާލޭގެ އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް އެ މަސައްކަތް ހީކުރި ސްޕީޑަކު މިދިޔަ ދެ އަހަރު ނުދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް އަހަރު އެންމެ މުހިންމު މަސައްކަތައް ވެގެން ދާނީ މާލޭގެ ބޯހިޔާވެހިކަން ނެތް ރަށްވެހިންނަށް ބޯހިޔާވެހިކަން ހޯދައިދިނުމުގެ މަޝްރޫއު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ބައެއް ފްލެޓުތަކުގެ ބިންގާ އަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.