"ތުތިމަހަށް ކޮށައި ކާޅަށް ކާން ދިނަސް" ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ބުނެ މިނިސްޓްރީ އޮފް ޑިފެންސްއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގެ މައްސަލާގައި، މަޖިލީހުގެ އިމްތިޔާޒަށް އެ ސިޓީގައި ސޮއިކުރެއްވި ޑިފެންސްގެ ނައިބް ހަސަން ޒަމީލްގެ އަރައިގެންފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ބަލައިދިނުމަށް ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީއިން ބޭރުކޮށްލުމާއި ގުޅިގެން ބިގޭއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެގޮތުން އެ މައްސަލަ ބޭރުކޮށްލުމަށް އެ ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ ބިގޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަންކަމާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ބިގޭ ވަނީ އޭނާއަކީ މީހުން މަރަން ފަންޑުކޮށް މުޅި ގައުމު ފުނޑާލާ މީހެއް ކަމަށް ބުނެ ހަގީގަތެއް ނެތް ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރައި އަބުރު ކަތިލަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަޅުގަނޑު ތުތިމަހަށް ކޮށައި ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނަން. މާތް ﷲ ހައްގަށް ނަސްރު ދެއްވައި އަޅުގަނޑަށް ރައްކާތެރިކަން ދެއްވާނެ

އެގޮތުން މާޒީގައި ވެސް ހައްގު ބަސް ބުނަން ފަސްނުޖެހޭނެކަން ދައްކާފައިވާނެ ކަމަށާއި ހަމައެގޮތަށް ބާކީ އޮތް ތަނުގައި ވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ބިގޭ ވިދާޅުވިއެވެ. މިދިޔަ 30 އަހަރުގެ ތެރޭގައި އިސްލާހީ މަސައްކަތުގައި އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އޭނާއަކީ މުޅި ހަޔާތް ގައުމަށްޓަކައި ޖާނާއި މާލުން ގުރުބާން ކުރި މީހެއް ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ. އޭނާއަކީ އަބުރުވެރިކަމާއެކު ހަލާލު މަސައްކަތުން ލިބޭ މިންވަރުން ދިރިއުޅެމުން އަންނަ މީހެއް ކަމަށް ވެސް ބިގޭ ވަނީ މި މެސެޖުގައި ވިދާޅުވެފައެވެ.

ބިގޭގެ އަބުރު ކަތިލަން ބަޔަކު ހިތުހުރި ގޮތަކަށް ކަންކުރާއިރު ކެތްތެރިކަން އިސްކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެއްޗެއް ނުބުނެ ހުންނަން އުނދަގޫ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

1
1
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.