ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެންމެ އިސްކަން ދެއްވާނެ ކަމަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް ކަމަށެވެ. 

"އެއީ އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން." ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވީ، ކޯވިޑް-19އާ އެކު މިކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް
އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް
ވެދާނެ ކަމަށާއި މިބަލީގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން
ފޫބެއްދޭ ވަރަށް ވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. 

"ކުުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް." ރައީސް ވިދާޅުވިއެވެ.   

ރައީސް ވިދާޅުވީ ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫޢުތަކަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށާއި އަދި އަލަށް ތަޢާރަފްކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.  

މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައި ކަމަށާއި މަޤާމާ ޙަވާލުވުމަށް ފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަންކަން ރައީސް ފާހަގަ ކުރެއްވިއެވެ.  

"ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް. ހަމަނުޖެހުމެއްގެ ތެރެއަށް ވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ވެސް ޤައުމުގައި ފަތުރާލެވިދާނެ." ރައީސް ވިދާޅުވިއެވެ.  

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަން ދިނުމަށް ރައީސް ސޯލިހު ގޮވާލެއްވެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.