މާލޭ ސިޓީއަށް އުފަން ރައްޔިތުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރުގެ ބަޖެޓްގައި ޖުމްލަ 716 މިލިއަން ރުފިޔާ ހިމަނައިފިއެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރާއިރު، އަމާޒުން މާލެ ކައްސާލައިގެނެއް ނުދާ ކަމަށެވެ. ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، ކޮވިޑާ ގުޅިގެން އިގުތިސޯދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ، ވެރިކަމުގެ ތިން ވަނަ އަހަރަކާ މިކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާ އެކު ކަމަށެވެ. 

"މާތް ﷲގެ ވާގިފުޅާއެކު، އަންނަ އަހަރުގެ ތެރޭގައިވެސް، ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ." ރައީސް ވިދާޅުވިއެވެ. 

އެގޮތުން، ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ތެރެއިން، މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފެށި އެއް މަޝްރޫއުގައި ހިމެނޭ، ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ." ރައީސް ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ކޮވިޑް 19އާ އެކު، އަނެއްކާވެސް ޔަގީންންވެގެން ދިޔައީ، ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން ކަމަށެވެ. މިއީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި ނަމަވެސް މިއީ، އަމަލީ ގޮތުން ހައްލެއް ހޯދުމަށް މިހާތަނަށް މާބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއް ކަމަށެވެ. 

އިގުތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްގީކުރުމަށް މިއަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައި ކަމަށާއި އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ދާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ސާފު ބޯފެން ލިބުމާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ހިދުމަތް ދިނުމަށް ވައުދުވެފައިވާ ގޮތަށް، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ބޯފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، މިއަންނަ އަހަރު އަމަލީ މަސައްކަތް ފަށަން ކަމަށާއި އަދި، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތް ގާއިމްކުރެވޭނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.