ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފު ވުމުގެ ސަބަބުން ހާހަކަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފިއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ވާ ފިޔަވަޅުތަކާ ހިލާފުވެގެން 1018 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ހިއްސާ ކޮށްފައި ވާ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކާ ހަވާލާދީ މަބްރޫކް ވިދާޅުވީ، މާސްކު ނާޅާ ބޭރު ތެރޭގައި އުޅުމުގެ ސަބަބުން 253 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ވަގުތުގައި ހުއްދައާ ނުލާ ބޭރުގައި އުޅުމުގެ ސަބަބުން 615 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، އެ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 150 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން މަބްރޫކް ވިދާޅުވި ގޮތުގައި އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފިހާރަތަކާއި، ކެފޭތަކާއި ޖިމްތައް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރެވުނު މާސް އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 81 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 80 ތަނެއް އުސޫލުތަކާ އެއްގޮތަށް ހިންގަމުން ދިޔައިރު، އުސޫލުތަކާ ހިލާފުވި އެއް ފިހާރައަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާފިއު ވަގުތުގައި ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ހުއްދަދޫކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ޕޯޓަލުންނެވެ. ނަމަވެސް ކާފިއު ގަޑީގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، ސިއްހީ ދާއިރާއާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެއެވެ.
މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަމުން ދާއިރު، އެ ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނިކުމެ އުޅެވެނީ ފުލުހުންގެ ހުއްދައާއެކު އެވެ.