މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުޞަތު!

ނައިބް ރައީސް ފައިސަލް ނަސީމް (ކ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ)، ރައީސް މުހައްމަދު ނަޝީދު (ވ) | ގްރެފިކްސް: އިސާމް/ޖަޒީރާ

ފާއިތުވި މެއި މަހަކީ މޭކަރުވާ ހިތް ނުތަނަވަސް ކުރުވި އެތައް ކަމަކުން ވަށާލި މަހެކެވެ. އޭޕްރިލް މަހުގެ ފަހު ކޮޅުން ފެށިގެން އުސްވާން ފެށި ކޮވިޑްގެ ރާޅު ބިޔަވެ ބިންދާލާނެ ކަން ޔަގީންވިއެވެ. ރޭގަނޑުގެ ކަރފިއު، އިރު ދަމުން ފެއްޓީ ރޯދައިގެ ފަހު ދިހައިގެ ރޭތަކުން އޮނަހިރި ތޭވީސް ވިލޭރޭއެވެ.

މީލާދީ ގޮތުން މޭ މަހުގެ 6 އެވެ. ފެށުނު ކަރފިއު އަށް ވީކުޑަތަނާ އެކު މަޖީދީ މަގުގައި ގޮއްވާލި ބޮމަކުން ރައްޔިތުންގެ މަޖިލިހުގެ ރައީސް ގެ ފުރާނައިގެ ވާސިތާ ރޭޒަރު ތިލައެއްގެ މިނުގައި ތުނިވެ ދިޔައެވެ. އެއީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީގެ ރައީސެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ޒަމާންވީ މިތުރެވެ.

މިޙައްސާސް، ޚުތޫރަތްތެރި ދަނޑިވަޅުގައި އުފުލެމުން ދިޔަ ކޮވިޑްގެ ބިޔަ ރާޅާ އެކު މޭމަހު އެކަނި 34561 މީހުން ޕޮޒިޓިވްވެ 88 މީހުންގެ ފުރާނަ ގެއްލިދިޔަކަން ނޫސްވެެރިންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގާ މެދު ކަފިވަމުންދާ ޚިޔާލުތަކާ އުފެދެމުންދާ ޕްރެޝަރާއި ކުރެވުނު ތުހުމަތުތަކަށް ކުރު ނަމަވެސް ޖަވާބު ދެއްވި އެވެ. 241 ކޮމެޓީގެ އިންކުއަރީ އަށް އެއްވެސް ނުފޫޒެއް ނެތް ވާހަކަ އެކޮމެޓީގެ މުގައްރިރު މީޑިއާގައި ހާމަ ކުރެއްވި ކަން ރައީސް ފާހަގަ ކުރެެއްވި އެވެ. އެ އިންކުއަރީ އަށް މުއައްސަސާ ތަކުން އެއްބާރުލުން ދެއްވާ، ހާޒިރުކޮށް ސުވާލު ކުރުމުގައި ވަކި އިސްތިސްނާއެއް ހުރަހެއް ނެތި ކުރިއަށްދާ ދިއުމަށް އިޝާރާތް ކުރެއްވިއެވެ.

8 މެއި 2021 -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ | ފޮޓޯ: ރައީސް އޮފީސް

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކަމަކީ ވަކިވަކި އޮފިސަރުންގެ ބަދަލުގައި މުއައްސާއިން 241 ކޮމެޓީ އަށް ޖަވާބުދާރީ ވާނެ ކަމަށް ބުނެ ދިފާޢީ ބާރުން ނެރުނު ބަޔާނެވެ. ރައީސް ސޯލިހް ދެއްވި ޖަވާބު ކުރުވެފައި ސާފެވެ. އެއީ ސިފައިންގެ ގާނޫނާ ހަވާލާދީ އެމުއައްސަސާ އަށް އޮތް ޖާއިޒު ހައްގެއްގެ ގޮތުގައި ރައީސް ސޯލިހް ސިފަކުރެއްވި އެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުން އެމްއެންޑީއެފް ގެ އެބަޔާން ދިފާއު ކުރެއްވި އެވެ. ހަމައެއާއެކު ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ނެގެހެއްޓެވި އެވެ. ގާނޫނަކުން ލިބޭ ހައްގެއް އެއީ އެއް ކޮޅެވެ. ހަމަ އެހެންމެ ގާނޫނަކުން މަނާ ނުކުރާ ކަމެއް ކުރުމަކީ އަނެއް ކޮޅެވެ. ނިކަން ބައްލަވާށެވެ، މަޖިލިސް އިންކުއަރީގެ ލިސްޓުގައިވާ ހުރިހާ އޮފިސަރުން ވަޑައިގެން އެއިންކުއަރީ އަށް އެގެންދަވަނީ އެއްބާރުލުން ދެއްވަމުންނެވެ. ފޮރުވާނެ އެއްޗެއް ނެތް ސާފު ސާދާ ކަމެއްގައި އޮންނާނީ ކޮން ފަސްޖެހުމެއް ނުފޫޒެއް ހެއްޔެވެ؟

ރައީސް ސިފަކުރެއްވި ގޮތުގައި މިއީ ލާނިހާއީ ނުރައްކާތެރި ކަން ބޮޑު ޖަރީމާ އެކެވެ. މިތަހުގީގުގެ ހަގީގީ ނާރެސް ދޫކޮއް ވަށައިގެންވާ އެހެން އަމާޒު ތަކެއްގައި އަސްލަށް ވާސިލު ވުމަށް ހުރަސް އެޅޭނެ ކަންކަމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެން ވިދާޅުވިޔަސް އެމަނިކުފާނުގެ ނުފޫޒެއް މި އިންކުއަރީ އަށް ނުފޯރުވާނެކަން ޚުދު ރައީސް ނަޝީދަށް އެންގިވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮވިޑް 19 އަށް ކުރެއްވި ހޭދާ އާ ހާސިލް ކުރެވުނު ނަތީޖާ ތަކާ ކުރިއަށް އެޅޭން ހުރި ހަރުދަނާ ފިޔަވަޅުތައް ތަފްޞީލު ކޮށްދެއްވިއެވެ. ޓަރޝަރީ ހޮސްޕިޓަލްތަކުގެ އިތުރަށް 30 އެނދުގެ އިތުރު 20 ހޮސްޕިޓަލެއްގެ އުފާވެރި ޚަބަރު ދެއްވި އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އިތުރު 380 މިލިއަން ދޫކުރައްވާ ވާހަކަ އާ އެސްއެމްއީ ބޭންކް ތައްޔާރުވަމުންދާ ޚަބަރު ދެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް. ކޮވިޑާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލްތައް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރެއްވި | ފޮޓޯ: ރައީސް އޮފީސް

ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ގާތްވެފައިވާ މިންވަރު ބުނެދެއްވިއެވެ. އިގްތިޞޯދު ނެގެހެއްޓުމަށް އެޅުއްވި ފިޔަވަޅުތަކުގެ ވާހަކަ ވިދާޅުވިއެވެ. އެއަރޕޯރޓާއި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި ގުޅީފަޅު ޕޯރޓާއި މުޅި ރާއްޖޭގެ ފެނާ ނަރުދަމާއާ އުމްރާނީ ތަރައްގީގެ މައިގަނޑު މަޝްރޫއުތައް ހުއްޓާނުލައްވާނެ ކަމުގައި ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ކާމިޔާބު ކުރީ ސަރުކާރާ އަދި އެހެން އެތައް ބައެއްގެ މަަަސައްކަތުން ކަން ފާހަގަ ކުރެއްވިއެވެ. އެއާ އެކުވެސް އެކަމުގައި އެންމެ ބުރަ މަަސައްކަތެއް ކުރެއްވީ ރައީސް ނަޝީދު ކަމުގައި ވިދާޅުވިއެވެ. ކަންކަން ރަނގަޅުކޮށް ހެޔޮ ނަތީޖާ ހާސިލު ކުރުމަށް މިއަށްވުރެ ރަނގަޅު ފުރުޞަތެއް ވަކިނެތް ކަމުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތައްޔާރީތައް މިހާރު ހުރީ ކޮންމެވެސް ސިފައެއްގައި ކުރިއަށް އޮތް ދެތިން އަހަރު ކޮވިޑް 19 އާ މުޅީން ވަކި ނުވެވޭނެ ކަމަށް ބަލައިގެން، އެހާތަނުގައި އެފާހަގަ ޖައްސަވައިގެން ކަމަށްވެސް ރައީސް ޞޯލިހް ވިދާޅުވިއެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %